
ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ކުރިގެ ދެ ރައީސުންކަމަށްވާ މުހައްމަދު ނަޝީދުއާ އިބްރާހިމު މުހައްމަދު ސޯލިހު އާ ގުޅިގެން ގައުމުގެ ކަންކަން ހަމަ މަގަށް އަޅުވަން މަސައްކަތް ކުރަން ނިންމުން، ރައީސް ޔާމީންގެ ފޮޓޯ ދައްކަިއގެން ވެރިކަމަށް އަރާ ތިބި ޕީއެންސީ ވެރިން ފާޑުކިޔަން ފެށުމުން ޕީއެންއެފްގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވަރުގަދަ ބަހުގެ ހަމަލާތަކކާ އެކު ރައްދު ދެއްވައިފިއެވެ.
ޑރ ޖަމީލު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، ރައީސް ޔާމީނުގެ ބްރިޖާއިއެކު ޖައްވުގައި މުޅިން އާއިޙްސާސްތަކެއް މިއަދު ފެތުރުނު ކަމަށާ އެމަނިކުފާނިގެ ހަނދާނަށް އައީ ހުސްގޮނޑި ދައްކާ ވެރިކަން ލިބުމުން ރައީސް މުހައްމަދު މުއިއްޒު މިގައުމަށް ހަދާލިގޮތް ކަމަށެވެ.
އަބްދުއްރަހީމު އިސްވެހުރެ އަޙްދުތަކަށް ޣައްދާރުވި ގޮތާ، ޕީޕީއެމް އުވާލާ އެތައް ހާސް ރައްޔިތުންނަށް ޚިޔާނާތްވި ގޮތާ، ޕީއެންސީން މިއަދު މުޅި ގައުމުގައި ވައްކަން އާންމުކޮށް ގައުމު ދަވާލަމުންދާ ގޮތާ، ޚުދު މުޚުތާރުވެ މުޅި ގައުމަށް މިވެރިކަން މުސީބާތަކަށްވެފައި އޮތް ގޮތް ވެސް އެއީ މިހާރު ފާހަގަވަމުން ދާކަންކަމަށްވެސް ޑރ ޖަމީލު ވިދާޅުވެފައިވެއެވެ.
މިއަދު ރައީސް ޔާމީނަށް މުހިއްމީ ރައީސް މުއިއްޒުގެ ނުރައްކަލުން މިގައުމު ސަލާމަތްކުރުން ކަން ފާހަގަކުރައްވާ ޑރ ޖަމީލު ވަނީ، ޕީއެންސީގެ ބޮޑުންނަކީ މިގައުމުގެ ޚާއިނުން އަދި ޣައްދާރުންގެ ގޮތުގައި ސިފަކުރައްވާފައެވެ.
ޕީއެންސީގެ ޚިޔާނާތްތެރި ޖަމާއަތުގެ ކިނބައިން މިގައުމު ސަލާމަތް ކުރުމަކީ ގައުމީ ވާޖިބެއް ކަމަށް ވިދާޅުވެ ޑރ ޖަމީލު ވަނީ، ތަންދޮރު ނޭނގޭ ޕީއެންސީއިން ރައީސް ޔާމީނަށް މަޝްވަރާ ދޭން ހަދާނެކަމެއް ނެތް ކަމަށް ވިދާޅުވެފައެވެ. ލަދެއް ނެތީމަ ޕާޓީ ޖަހައިގަތް ޣައްދާރުންގެ ގޮތުގައި އަބދުއްރަހީމުއާ އަދި ޕީއެންސީގެ ހުރިހާ ވެރިން ސިފަކުރައްވާ ޑރ ޖަމީލު ވަނީ އޭގެ ތެރޭގައި ރައީސް ޔާމީނޭ ކިޔާ އަނގަ ހުޅުވަނީވެސް ލަދު ހަޔާތް ނެތުމުން ކަމަށް ވެސް ވިދާޅުވެފައެވެ.










