May 18, 2026
Advertisement
-
- / ތޭރަ އޮންލައިން

ގަޒްފުގެ މައްސަލަތަކުގައި ފުލުހުން އަމަލުކުރަނީ ގާނޫނީ އުސޫލުތަކާ ހިލާފަށް: ޑރ. ޖަމީލް

Aiminath Sarah
އައިމިނަތް ސާރާ
May 18, 2026, 12:22 AM
މާލެ ސިޓީ

ސައުދީ އަރަބިއްޔާ ފަދަ އިސްލާމީ ގައުމުތަކުގައި ގަޒްފުގެ މައްސަލަތައް ކުރިއަށްގެންދާ އުސޫލުތަކަށް އަލިއަޅުއްވާލައްވަމުން، ރާއްޖޭގެ ފުލުހުން މިހާރު ހިންގަމުންދާ ތަހުގީގުތަކަކީ ގާނޫނީ ހަމަތަކާ ހިލާފު ކަންތައްތަކެއް ކަމަށް ކުރީގެ ނައިބު ރައީސް އަދި ޕީއެންއެފްގެ ނައިބު ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްގެ ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޖަމީލް ވަނީ، އަދަދު ނޫހުން ނެރުނު ޑޮކިއުމެންޓްރީއަކާ ގުޅިގެން ނޫސްވެރިންނާއި އެކްޓިވިސްޓުންނަށް އަމާޒުކޮށް ސަރުކާރުން ހިންގާ ހަރަކާތްތަކަށް ފާޑުވިދާޅުވެފައެވެ.

ޑރ. ޖަމީލް ވިދާޅުވި ގޮތުގައި، ގަޒްފުގެ މައްސަލައެއްގައި ދައުވާ ކުރެވޭނީ އެންމެ ފުރަތަމަ އެކަން ރައްދުވާ މީހާ ނުވަތަ 'މަކްޒޫފް' ގެ ބަހެއް އޮވެގެންނެވެ.

 "އެމީހާ އެކަމުގެ ދައުވާ ކުރާކަން އަންގަން ޖެހޭނެ. އެއީ މި ކުށަކީ އެމީހަކާ ދެކޮޅަށް ކުރެވޭ ދައުވާއަކަށް ވާތީ. އޭނާގެ ހައްގެއް އެއީ އެ މައްސަލައިގައި ދައުވާ ކުރުންވެސް އަދި މައާފު ކުރުންވެސް" ޖަމީލް ވިދާޅުވިއެވެ. މިހާރު ފެންމަތިވެފައިވާ މައްސަލައިގައި ގަޒްފު ކުރެވުނު ކަމަށް ބުނާ ފަރާތުގެ ބަހެއް ނެތި ފުލުހުން ތަހުގީގު ހިންގާތީ ޖަމީލް ވަނީ ސުވާލު އުފައްދާފައެވެ.

ކުށް ސާބިތުވާ ގޮތްތަކަށް ބަލާއިރު، އެކަން ކުރެވޭނީ ދެ ގޮތަކަށް ކަމަށް ޖަމީލް ފާހަގަކުރެއްވިއެވެ. އެއީ ސައުދީ އަރަބިއްޔާގައިވެސް އަމަލުކުރަމުން އަންނަ ގޮތް ކަމަށް ޑރ ޖަމީލް ފާހަގަކުރެއްވިއެވެ. އެއީ އަމިއްލަ އިއުތިރާފުން ނުވަތަ ގަތްޢީ ހެކިންގެ ހެކިބަހުންނެވެ. ނަމަވެސް މިހާރު ހައްޔަރުކުރަމުންދާ ފަރާތްތަކުގެ މައްޗަށް އެފަދަ އެއްވެސް ހެއްކެއް ނެތްކަމަށް ޖަމީލް ވިދާޅުވިއެވެ. ހަމައެކަނި ހީވާ ހީވުމަކަށް ބިނާކޮށް ފުލުހުންނަށް މި މައްސަލައިގައި ދައުވާ ކުރުން އަދި، ތަހުގީގުވެސް ނުކުރެވޭނެ ކަމަށް ޖަމީލް ތަކުރާރުކުރެއްވިއެވެ.

މި މައްސަލައިގައި ހިމެނޭ ފަރާތްތަކަށް އިޝާރާތް ކުރައްވައި ޖަމީލް ވިދާޅުވީ، ފިޔާޒް ނުވަތަ އާސިއްޕެ ފަދަ ބޭފުޅުންގެ މައްޗަށް ތަހުގީގެއް ނުހިންގޭނެ ކަމަށެވެ. ސަބަބަކީ އެއިން އެއްވެސް މީހަކު ވަކި މީހަކު ގަޒްފު ކުރަނިކޮށް ނުވަތަ އެފަދަ އަމަލެއް ހިންގަނިކޮށް ދެކުނު ކަމަށް ބުނެފައި ނުވާތީއެވެ. ތަހުގީގު ފެށުމުގެ ކުރިން ގަތްޢީ ހެކި ހުންނަން ޖެހޭނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

މި ޖަލްސާގައި ޑރ. ޖަމީލް ވަނީ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަނެ، ހިޔާލު ފާޅުކުރާ ފަރާތްތަކަށް ބިރުދައްކަމުންދާ ދިއުން ކުށްވެރިކުރައްވާފައެވެ. އަދި ގާނޫނީ އިމުގެ ބޭރުން ފުލުހުން ބޭނުންކޮށްގެން ހިންގާ މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަން ނޫން ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved