July 5, 2026
Advertisement
-
- / ތޭރަ އޮންލައިން

މިސްރާބެއް ނެތި މުއިއްޒު ލާހޫރެނީ، އިސްތިއުފާ ދެއްވާ: ޑރ. ޖަމީލް

Aiminath Sarah
އައިމިނަތް ސާރާ
Jul 4, 2026, 08:45 PM
މާލެ ސިޓީ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެއްވެސް މިސްރާބެއް ނެތި ލާހޫރެނީ ކަމަށާއި އިސްތިއުފާ ދެއްވުމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު ގޮވާލައްވައިފިއެވެ.

Advertisement

ޑރ. ޖަމީލް މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަމުގެ އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް މުޢިއްޒު ފެންނަނީ އެއްވެސް މިސްރާބެއް ނެތި ލާހޫރެމުންދާ މަންޒަރު ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލިސް އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި، އިޤްތިޞާދީ ވަޒީރު ސަޢީދު މެދުވެރިކޮށް، ޑޮލަރުގެ އަގު ތިރިވާނީ މަޖިލިސް އަޣުލަބިއްޔަތު ލިބިގެން ކަމަށް ބުނެ ރައްޔިތުންނަށް އޮޅުވާލާފައިވާ ކަމަށްވެސް ޖަމީލް ތުހުމަތު ކުރެއްވިއެވެ.

ޑޮލަރުގެ އަގު މައްޗަށް ނުދާނެ ކަމަށާއި، އެކަން އޮތީ ހިފެހެއްޓިފައި ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ތަކުރާރުކޮށް "ބުހުތާނު ދޮގު" ހައްދަވާފައިވާ ކަމަށް ވިދާޅުވަމުން، ޖަމީލް ފާހަގަކުރެއްވީ މިއަދު ބީއެމްއެލް އިންވެސް ޑޮލަރުގެ އަގު އުފުލާފައިވާ ކަމަށެވެ.

"ނުވާވަރުން ވެރިކަމާ ހަވާލުވީ ކީއްކުރަން؟" ސުވާލު އުފައްދަވަމުން ޖަމީލް ވިދާޅުވީ، ރައްޔިތުންގެ ޓެކްސް ފައިސާގައި ކައިބޮއެ ނިދައި، ޒިންމާ އަދާކުރެވޭނެ ކަމަށް ބުނެ ދޮގު ހުވާކޮށްގެން ހުރުމަށްވުރެ، ރައީސް މުޢިއްޒު އިސްތިއުފާ ދެއްވުން މާ ރަނގަޅުވާނެ ކަމަށެވެ.

މި ފަހަކަށް އައިސް ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލި، އިޤްތިޞާދީ ގޮތުން ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ މި ދަނޑިވަޅުގައި، އިދިކޮޅު ފަރާތްތަކުން ދަނީ ސަރުކާރުގެ އިޤްތިޞާދީ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved