May 19, 2026
Advertisement
-
- / ސޯޝަލް މީޑިއާ

އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ހައްޔަރުކުރުމުގެ އަމުރެއް އައިސީސީން ނެރެފި

Aiminath Sarah
އައިމިނަތް ސާރާ
May 19, 2026, 06:06 PM
މާލެ ސިޓީ

އިޒްރޭލުގެ ފިނޭންސް މިނިސްޓަރު ބެޒާލެލް ސްމޮޓްރިޗް ހައްޔަރު ކުރުމުގެ އަމުރެއް އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ނެރެފިއެވެ. މި އަމުރު ނެރެފައިވަނީ ފަލަސްތީނުގެ އާންމު ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތަކެއް ހިންގި ކަމުގެ ތުހުމަތުގައެވެ.

Advertisement

ސްމޮޓްރިޗަކީ ފަލަސްތީނުގެ ބިންތަކުގައި އިޒްރޭލުން ހިންގާ ލާއިންސާނީ އަމަލުތަކަށް ތާއީދުކޮށް، އެކަންކަމަށް މަގުފަހިކޮށްދޭ ކަމުގެ ބޮޑެތި ތުހުމަތުތަކެއް ކުރެވޭ ފަރާތެކެވެ. އޭނާއާ ދެކޮޅަށް އައިސީސީން މި ފިޔަވަޅު އެޅީ، ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު އަމަލުތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގެ ދަށުންނެވެ.

މި ނިންމުމާ ގުޅިގެން ސްމޮޓްރިޗް ވަނީ ވަރަށް ބޮޑަށް ކޯފާވެ، ބައިނަލްއަގުވާމީ މުޖުތަމައަށް އިންޒާރު ދީފައެވެ. އޭނާ ބުނެފައިވަނީ ބޮޑުވަޒީރާއި، ޑިފެންސް މިނިސްޓަރުގެ އިތުރުން ފިނޭންސް މިނިސްޓަރާ ދެކޮޅަށް ހައްޔަރު ކުރުމުގެ އަމުރު ނެރުމަކީ އިޒްރޭލާ ދެކޮޅަށް "ހަނގުރާމަ އިއުލާން ކުރުން" ކަމަށެވެ.

ސްމޮޓްރިޗް އިތުރަށް ވިދާޅުވީ، "ހަނގުރާމައިގެ އިޢުލާނެއްގެ ކުރިމަތީގައި ހަނގުރާމައިގެ ތެރެއިން ރައްދުދޭނަން" ކަމަށެވެ. މި ބަޔާނާއެކު އޭނާ ވަނީ މުޅި ދުނިޔެއަށް ނުރައްކާ ކުރާނެ ކަމުގެ އިންޒާރު ދީފައެވެ.

އައިސީސީގެ މި އަމުރަކީ އިޒްރޭލުގެ އިސްވެރިން ކުރަމުންދާ ޖަރީމާތަކަށް ބައިނަލްއަގުވާމީ ގާނޫނުގެ ދަށުން ޒިންމާދާރު ކުރުވުމަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ. ނަމަވެސް، އިޒްރޭލުގެ ސަރުކާރުން މިކަން ބަލައިގަތުމުގެ ބަދަލުގައި ދަނީ ބައިނަލްއަގުވާމީ މުއައްސަސާތަކަށް ގޮންޖަހަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved