May 24, 2026
Advertisement
-
- / ދައުރު

ކުރިއަށް އޮތް ބަންދު ދުވަސްތަކުގައި ކަނޑުތައް ވަރަށް ގަދަވާނެ

Aiminath Sarah
އައިމިނަތް ސާރާ
May 20, 2026, 09:06 AM
މާލެ ސިޓީ

ކުރިއަށް އޮތް ހަފުތާ ބަންދަކީ ސަރުކާރު ބަންދު ދުވަސްތަކަކާ ދިމާވާ ދުވަސްވަރަކަށް ވާއިރު، ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުތައް ވަރަށް ބޮޑަށް ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ލަފާކޮށްފިއެވެ. މި ދުވަސްވަރަކީ ގިނަ އަދަދެއްގެ ބަޔަކު ކަނޑުމަގުން ދަތުރުކުރާނެ ދުވަސްވަރަކަށް ވާތީ، މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

މެޓް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، މިހާރުވެސް އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް ވައިގަދަވެ، ކަނޑުތައް ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. އަދި ކުރިއަށް އޮތް ހަފްތާ ބަންދުގައިވެސް ރާއްޖޭގެ ބޮޑު ސަރަހައްދެއްގެ ކަނޑުތައް ގަދަވެފައި، ވިއްސާރަކުރާނެ ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ބުރާސްފަތި ދުވަހުން ފެށިގެން އީދު ބަންދާއި މިޑްޓާމް ބްރޭކަށް ސްކޫލްތަކާއި ސަރުކާރު އޮފީސްތައް ބަންދުވާނެއެވެ. މިއީ އާންމުކޮށް ގިނަ އަދަދެއްގެ ބަޔަކު މާލެއިން އަތޮޅުތަކަށް އީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް ދަތުރުކުރާ ދުވަސްވަރަކަށް ވާތީ، ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަކީ މުހިންމު ކަމެއް ކަމަށް މެޓް އޮފީހުން ބުނެއެވެ.

މެޓް އޮފީހުން އިތުރަށް ލަފާކުރާ ގޮތުގައި ހައްޖު ދުވަހާއި ބޮޑު އީދު ދުވަހުވެސް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ވިއްސާރަ ކުރާނެއެވެ. މި އަހަރުގެ ހައްޖު ދުވަހަކީ މެއި މަހުގެ 26 ވަނަ ދުވަހެވެ. އަދި ބޮޑު އީދު ދުވަހަކީ ޖެހިގެން އަންނަ މެއި 27 ވަނަ ދުވަހެވެ.

މޫސުން ގޯސްވާނެތީ މިއަދު ވަނީ ހއ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައެވެ. އެ އިދާރާއިން ލަފާކުރާ ގޮތުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށް ލަފާކުރެވެއެވެ.

މި އަހަރުގެ ހުޅަނގު މޫސުން މި މަހުގެ 8 ވަނަ ދުވަހު ދެކުނުގެ އަތޮޅުތަކަށް ފެށިފައިވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައިވެސް މޫސުން ގޯސްވާނެ ކަމަށް ބެލެވޭތީ، ހުރިހާ ފަރާތްތަކުންވެސް ސަލާމަތީ ފިޔަވަޅުތަކަށް ފުރިހަމައަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިރުޝާދު ދީފައެވެ

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved