May 24, 2026
Advertisement
އިޓަލީގެ ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގެއް އެގައުމުން ފަށައިފި
އިޓަލީގެ ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގެއް އެގައުމުން ފަށައިފި / ސަން އޮންލައިން

އިޓަލީގެ ފަތުރުވެރިން މަރުވި ހާދިސާގެ ތަހުގީގެއް އެގައުމުން ފަށައިފި

May 20, 2026, 03:22 PM
މާލެ ސިޓީ

ވ. އަތޮޅު އަލިމަތިމާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ނުރައްކާތެރި ކޭވްއަކަށް ފީނަން ގޮސް އުޅެނިކޮށް މީގެ ހަ ދުވަސް ކުރިން އިޓަލީގެ ފަސް ޑައިވަރުން މަރުވި ހާދިސާގެ ތަހުގީގެއް އެ ގައުމުން ފަށައިފިއެވެ.

Advertisement

 އިޓަލީގެ "އަންސާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ޕްރޮސިކިއުޓަރުން މިހާރު ވަނީ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި މި ހާދިސާ ތަހުގީގު ކުރަން ފަށާފައެވެ.

މި ތަހުގީގުގެ ދަށުން، މަރުވި ފަސް މީހުންގެ ހަށިގަނޑު އިޓަލީއަށް ގެންގޮސް އޮޓޮޕްސީ ހެދުމަށް ހަމަޖެހިފައިވާއިރު، އެ މީހުން ފީނުމަށް ބޭނުންކުރި "ޑިއުކް އޮފް ޔޯކް" ސަފާރީގެ ފަރާތްތަކާ ސުވާލުކުރުމަށްވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން ދިވެހި ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް "އޭޕީ" ނޫސް އެޖެންސީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މި ދަތުރު އިންތިޒާމު ކުރި ފަރާތްތަކުން ފުރިހަމަކުރަންޖެހޭ ރޭވުންތަކާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯ ދިވެހި ސަރުކާރުންވެސް ބަލަމުން އަންނަ ކަމަށެވެ.  

ޔުނިވަރސިޓީ އޮފް ޖެނޯއާގެ މޮނިކާ މޮންޓެފަލްކޯން އިސްވެ ހުރެ ކުރިއަށްގެންދިޔަ މި ޑައިވިން ޓީމަކީ ސައިންޓިފިކް ދިރާސާއެއްގެ ބޭނުމުގައި ފީނަން އުޅުނު ބައެކެވެ. އޮފިޝަލުން ސިފަކުރައްވާ ގޮތުގައި، އެ މީހުން ފީނި ސަރަހައްދަކީ އިންތިހާއަށް ފުން، އޮއިގަދަ އަދި ހޮހަޅައިގެ ތެރޭގައި ފެންނަ މިންވަރު ސުމަކަށް ތިރިވެފައި އޮތުމުގެ ސަބަބުން ނުހަނު ނުރައްކާތެރި ތަނެކެވެ.

ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު 4 މީހުންގެ ހަށިގަނޑުތައް ލޮކޭޓުކޮށް، މިހާރު ވަނީ ކަނޑު އަޑިން ނަގާފައެވެ.

ގެއްލުނު ޑައިވަރުން ހޯދުމުގެ ނުރައްކާތެރި ސަލާމަތީ އޮޕަރޭޝަންގައި އުޅެނިކޮށް، ދިވެހި ސިފައިންގެ (އެމްއެންޑީއެފް) އެންމެ ތަޖުރިބާކާރު އެއް ޑައިވަރު ކަމަށްވާ ސްޓާފް ސާޖަންޓް މުހައްމަދު މަހުދީ ވެސް މިދިޔަ ހޮނިހިރު ދުވަހު ވަނީ ނިޔާވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved