
މި އަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހި (މީސްލްސް) ޖެހުނު މީހުންގެ އަދަދު ހަތަކަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފިއެވެ. ރާއްޖެއިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިމަބިހީގެ ވޭދަނަތަކެއް ފެނުމާ ގުޅިގެން، ކަމާގުޅޭ އިދާރާތަކުން މިހާރު ވަނީ ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.
އެޗްޕީއޭ އިން މިއަދު އާންމުކުރި މައުލޫމާތުގައިވާ ގޮތުން، މިހާތަނަށް ފެނުނު ހަތް ވޭދަނައާ ގުޅިގެން، ބަލި ޖެހުނު މީހުންނާ ގާތުން އެއްތަންވި 74 އަށް ވުރެ ގިނަ މީހުން ވަނީ ދެނެގަނެވިފައެވެ. އެޗްޕީއޭ އިން އިރުޝާދު ދެނީ ހުން އައިސް، ގައިގައި ރަތް ބިހިތަކެއް ނަގައިފި ނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ. އަދި ހޮސްޕިޓަލަށް ނުވަތަ ސިއްހީ މަރުކަޒުތަކަށް ދާއިރު މާސްކް އަޅައިގެން ދިއުމަށް ވެސް އެ އެޖެންސީން ވަނީ އިލްތިމާސްކޮށްފައެވެ.
ހިމަބިހި ވޭދަނައެއް ފެނުމާ ގުޅިގެން އަމަލުކުރާ އުސޫލުގެ ދަށުން، ބަލި ޖެހުނު ގޮތް ދެނެގަތުމަށް ކުރާ އިންވެސްޓިގޭޝަންތަކާއި، ބަލި ޖެހުނު މީހުންނާ ގާތުން އެއްތަންވި މީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. ޚާއްސަކޮށް ބައްޔާ ދެކޮޅަށް ދިފާއީ ބާރު ނެތް މީހުންނާއި، މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައި ނުވާ ފަރާތްތަކަށް ބަލި ޖެހުމުގެ ފުރުސަތު ބޮޑުކަން އެޗްޕީއޭ އިން ފާހަގަކުރެއެވެ.
ހިމަބިހީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހިމެނެނީ ހުން އައުމާއި، ހަމުގައި ރަތް ބިހިތަކެއް ނެގުމާއި، ކެއްސުމާއި، ނޭފަތުން އަރިދަފުސް ފޭބުން އަދި ލޯ ރަތްވުމެވެ. މި ބަލި ޖެހުމުން ފުރަތަމަ ބިހިތައް ނަގާނީ މޫނާއި ކަރުގައެވެ. އޭގެ ފަހުން މޭމަތި، ބުރަކަށި، އަތް އަދި ފައިގައި ބިހިތައް ފެތުރިގެންދާނެއެވެ.
ރާއްޖެއަކީ ހިމަބިހި ނައްތާލާފައިވާ ގައުމެއްގެ ގޮތުގައި 2017 ވަނަ އަހަރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފައެވެ. ނަމަވެސް، އޭގެ ފަހުން 2020 ވަނަ އަހަރާއި 2023 ވަނަ އަހަރު ވެސް ރާއްޖެއިން މި ބަލީގެ ބައެއް ކޭސްތައް ވަނީ ފެނިފައެވެ










