
ވ. އަލިމަތާ ކައިރީ ކަނޑުއަޑީގެ ހޮހޮޅައަކަށް ފީނަނިކޮށް ގެއްލިގެން ހޯދަމުން ދިޔަ އިޓަލީގެ ހަތަރު ޑައިވަރުން ތެރެއިން އެންމެ ފަހު ދެ މީހުންގެ ހަށިގަނޑު މިއަދު ނަގައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ޑައިވިންނަށް ގޮސް އުޅެނިކޮށް ގެއްލުނު އިޓަލީ ޑައިވަރުން ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ފިންލޭންޑުގެ ޓީމަށް އެމީހުން ފެނުނީ ހޯމަ ދުވަހުއެވެ. އަދި އެމީހުން ފެނިފައިވަނީ ހޮހަޅައިގެ އެންމެ ފުނުން ކަމަށް ޑައިވާސް އެލާޓް ނެޓްވޯކް (ޑޭން) އިން ހޯމަ ދުވަހު ވަނީ ބުނެފައެވެ.
ޑޭން އިން ބުނީ ވ. އަލިމަތާ ކައިރީގައި އޮންނަ ކަނޑުއަޑީގެ ހޮހަޅައަށް ފީނަން ގޮސް އުޅެނިކޮށް ގެއްލުނު 4 މީހުން ލޮކޭޓްކުރެވުނީ ތިންް ގަޑިއިރަށް ދެމިގެންދިޔަ ނުރައްކާތެރި އުނދަގޫ މަސައްކަތުންނެވެ. ހޯމަ ދުވަހުގެ މެންދުރު ފަހު ރާއްޖޭ ގަޑިން 12:30 ގައި ފެށި މި ޑައިވްގައި މީހުން ލޮކޭޓް ކުރެވިފައިވަނީ ހަވީރު ވަނިކޮށެވެ.
އޭގެ ފަހުން އިއްޔެ ވަނީ އެ ހޮހޮޅައިގައި އޭރު ތިބި ހަތަރު މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަޑު ނަގާފައެވެ. އަދި މިހާރު މިއަދު ބާކީ ތިބި ދެމީހުންގެ ހަށިގަނޑު ނެގުމުން ސާޗު އެންޑް ރެސްކިއު އޮޕަރޭޝަން ނިމުނީއެވެ.
ނަމަވެސް ފަތުރުވެރިން މަރުވި ހާދިސާއާ ގުޅިގެން އިޓަލީއިން ޖިނާއީ ތަހުގީގެއް ފަށާފައިވާ ކަމަށް ރިޕޯޓުކޮށްފައިވެއެވެ.
އިޓަލީގެ "އަންސާ" ނޫހުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެ ގައުމުގެ ޕްރޮސިކިއުޓަރުން މިހާރު ވަނީ އިހުމާލުން މީހަކު މަރުވުމުގެ މައްސަލައެއްގެ ގޮތުގައި މި ހާދިސާ ތަހުގީގު ކުރަން ފަށާފައެވެ.
މި ފަތުރުވެރިންގެ ހަށިތައް ހޯދުމަށް ދިވެހި ސިފައިންނާ މެރިން ޕޮލިސްގެ ޑައިވަރުންވެސް މީގެ ކުރިން ފީނާފައިވާއިރު، އެ މަސައްކަތް ހުއްޓާލީ އެމްއެންޑީއެފްގެ އެންމެ ތަޖުރިބާކާރު އެއް ޑައިވަރު، ސާޖަންޓު ފަސްޓު ކްލާސް މުހައްމަދު މަހުދީ އެމަސައްކަތުގައި އުޅުއްވަނިކޮށް ޑީކޯވެ ނިޔާވުމާ ގުޅިގެންނެވެ.










