
މިހާރު ފެތުރެމުންދާ އެބޯލާ ބަލީގައި މަރުވި ކަމަށް ޝައްކުކުރެވޭ މީހުންގެ އަދަދު 220 އަށް އަރައިފި ކަމަށާ ބަލި ވަނީ ކޮންޓްރޯލުން ނައްޓާފައި ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ، ޑަބްލިއުއެޗްއޯއިން ހާމަކޮށްފިއެވެ.
އެ ޖަމްއިއްޔާގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ވިދާޅުވި ގޮތުގައި، އެ ޖަމްއިއްޔާއިން އޮޕަރޭޝަންތައް ވަރުގަދަކުރަމުން ދިޔަ ނަމަވެސް ބަލި ޖެހިފައިވާ މީހުން ދެނެގަތުމުގައި ލަސްތަކެއް ވުމުގެ ސަބަބުން، ބަލި ފެތުރޭ މިންވަރު މިހާރު ހުރީ ކަމާބެހޭ ފަރާތްތަކަށް ކޮންޓްރޯލް ކުރެވޭ މިންވަރަށް ވުރެ މަތީގައެވެ.
ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) އާ އިންވެގެންވާ ގައުމުތަކުން މިކަމުގައި ވަގުތުން ފިޔަވަޅު އެޅުމަށް ގުޓަރޭސް ވަނީ ގޮވާލައްވާފައެވެ.
ޔުގެންޑާއިން ވެސް މިހާރު ވަނީ އިތުރު ދެ ކޭސް ފެނި، އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު ހަތަކަށް އަރާފައިވެއެވެ.
އެބޯލާގެ މިފަހަރުގެ އައުޓްބްރޭކްގެ މައި ސަރަހައްދަކީ އިޓޫރީ ޕްރޮވިންސެވެ. ނަމަވެސް މިހާރު މި ބަލި ވަނީ އެ ސަރަހައްދާ 200 ކިލޯމީޓަރު ދުރަށް ފެތުރި، އަވަށްޓެރި ޔުގެންޑާއާ ހަމައަށް ވާސިލްވެފައެވެ. މިހާތަނަށް 900 އަށް ވުރެ ގިނަ މީހުންނަށް ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވިފައިވާއިރު، މިހާރު ފެތުރެމުންދަނީ އެބޯލާގެ މަދުން ނޫނީ ނުފެންނަ ވައްތަރެއް ކަމަށްވާ 'ބުންޑިބުގްޔޯ' ސްޓްރެއިންއެވެ. މި ވައްތަރަށް އަދި އެއްވެސް ވެކްސިނެއް ނުވަތަ ފަރުވާއެއްވެސް ހޯދިފައެއް ނުވެއެވެ.
އެބޯލާއަކީ ހަށިގަނޑުން ބޭރުވާ ދިޔައިގެ ޒަރީއާއިން ފެތުރޭ ވައިރަހެކެވެ. މީގެ ސަބަބުން ހަށިގަނޑުގެ އެތެރެއަށް ލޭބޭރުވުން ނުވަތަ ގުނަވަންތައް ފެއިލްވުން ފަދަ ނުރައްކާތެރި ހާލަތްތައް މެދުވެރިވެ، މަރުވުމަށް މަގުފަހިވެއެވެ. ޑަބްލިއުއެޗްއޯ އިން ވަނީ މި ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.
ކޮންގޯ އާއި ޔޫގެންޑާގައި ފެތުރެމުންދާ އެބޯލާ ބަލިމަޑުކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެން ރާއްޖޭގެ ސިއްހީ މުއައްސަސާތަކުން ވަނީ ދިވެހިން އެ ސަރަހއްދަށް ދަތުރު ނުކުރުމަށް އިލްތިމާސްކޮށްފައެވެ.
ރާއްޖެއަށް މި ބަލި އައުމުގެ ފުރުސަތު ކުޑަ ނަމަވެސް، ރައްކާތެރި ފިޔަވަޅެއްގެ ގޮތުން އެ ސަރަހައްދުތަކަށް ދަތުރުނުކުރުން މުހިއްމު ކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.










