ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް އެވޯޑު ހޯދިއިރު ރައްޔިތުން އަސާސީ ބޭސްވެސް ނުލިބިފައި! / ތޭރަގްރެފިކްސް
ރިޕޯޓު
ދުންފަތާ ދެކޮޅަށް އެޅި ފިޔަވަޅުތަކަށް އެވޯޑު ހޯދިއިރު ރައްޔިތުން އަސާސީ ބޭސްވެސް ނުލިބިފައި!
Mariyam Isaadha
މަރިޔަމް އިސާދާ
21 މޭ 2025
މާލެ ސިޓީ

ރަނގަޅު ވާނީ ރަގަޅަށެވެ. ގޯސް ވާނީ ގޯހަށެވެ. އެއީ ތިމާ ރުހުނަސް އަދި ނުރުހުނަސް މެއެވެ. މިއަދު ދައްކާލަން މިއުޅެނީ މިފަދަ ވާހަކައެކެވެ.

ރާއްޖޭގައި ދުންފަތް ކޮންޓްރޯލުކުރުމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދާވާކަމަށް އަޑުތައް ފެތުރިފައިވެއެވެ. އެގޮތުން ބިލުތަކެއް ގާނޫނުތަކަކަށް ބަދަލުކޮށް ވޭޕް މަނާކުރުމާ ޖެނެރޭޝަނަލް ޓޮބެޭކޯ ބޭން ގާނޫނެއްވެސް ވުޖޫދުކޮށްފައިކަމަށް ވެއެވެ. މިކަމުގައި ރައީސް މީހާއަށް ނުހަނު ސަނާއާ ތައުރީފު ދަނީ ސަރުކާރުގެ ޕްރޮމޯޓުކުރާ ފަރާތްތަކުން އޮއްސަމުންނެވެ.

ރަނގަޅެވެ. އެ ކުރައްވަނީ ރަނގަޅު ކަމެކެވެ. ނަމަވެސް އެކަންކަން ކުރައްވައިގެން މެޑަލް ޖައްސަވާ އެވޯޑުތައް ހޯދަމުން ގެންދަވާއިރު ގައުމުގެ ރައްޔިތުން ސިއްހީ ގޮތުން ތިބީ ކޮން ހާލެއްގައި ތޯ ބަލާލުން މުހިއްމު ދެއްތޯއެވެ.

ގައުމުގެ ރައްޔިތުން ސިއްހީ ގޮތުން ދުޅަ ހެޔޮ ބަޔަކަށް ހެދުމުގެ ނަމުގައި ޒުވާން ޖީލުތަކަށް ދުންފަތުގެ ބާވަތްތައް މަނާކޮށް ގާނޫނުތައް ތަސްދީގުކުރައްވަމުން ރައީސް މުއިއްޒު ގެންދަވާއިރު ގާނޫނު އަސާސީއިން ރައްޔިތުންނަށް ކަށަވަރުކޮށްދޭން ޖެހޭ ކަމަށް ބަޔާން ކުރާ ސިއްހީ އަސާސީ ވަސީލަތްތައް ހުރީ ގިނަ ރަށްރަށުގައާ އަދި މާލޭގައި ވެސް ފުރިހަމަ ނުވެއެވެ.

އެގޮތުން ބަލާއިރު އަސާސީ ގިނަ ބޭސްތަކާ ލޭ އަޅަކުދިންނަށް ބޭނުންނާ މުހިއްމު ބޭހެއް ކަމަށްވާ ޑެސްފަރެލޯ އާ އަދިވެސް މިހެން ގޮސް ބައިވަރު ބޭސް ލިބުމުގައި ރައްޔިތުން ދަނީ ތަކުލީފުތަކަކާ ކުރިމަތިލަމުންނެވެ.

އިންޑިއާ ގެންނަ ކަޓު ބޭސް ގެނައުން ހުއްޓާލާ ތުރުކީއިންނާ ބެންކޮކުން ކޮޕިޓީ މޮޅު ބޭސް ގެންނަން ވިދާޅުވި ވިދޅާުވުން އުނބަށް ޖަހައި ދިވެހިންނަށް ބޭނުންވާ އަސާސީ ބޭސް ގަންނަން އިންޑިއާ ބަޔަކާ ހަވާލުކޯށް އުނބަށް ޖައްސަވާ ރައީސް އެކަމުގައި ވެސް އުނބަށް ޖެއްސެވިއިރު ރައްޔިތުންނަށް މިއަދު ވަނީ އެއް ބެސް ފިހާރައިން އަނެއް ބޭސް ފިހާރައިން ދުވަން ޖެހިފައެވެ.

ތަފާތު އޮޕަރޭޝަންތައް ކުރުމަށް ހޭނެއްތުމަށް ބޭނުން ކުރާ މުހިއްމު ބޭސްތަކާ ހަކުރު ބަލި، ލޭ މައްޗަށް ދިއުން ހިތުގެ ބަލި ފަދަ ބަލިތަކަށް ބޭނުންވާ މުހިއްމު ބޭސް ނުލިބުމުގެ ޝަކުވާއަކީ މިއަދު އާންމުކަމަކަށް ވެއްޖެއެވެ. މީގެ ކުރިން އާސަންދަ އަދި އެސްޓީއޯއިން ލިބޭ ބޭސްތައްވެސް އެންމެފަހުން ގަންނަންޖެހި، އެ ބޭސްތަ ނުލިބޭކަމުގެ ޝަކުވާތައް ވަނީ އިތުރުވެފައެވެ.

ރައީސް މީހާ މޮޅެތި ބިލުތަކެއް ފަށްކޮށް ތަސްދީގުކޮށްގެން ސިއްހީ ދާއިރާއިން އެވޯޑު ހޯދަމުްނ ގެންދަވާއިރު ސިއްހީ ހިދުމަތް ދޭ ތަންތަނުގެ ހާލަތު ހުރީ ފަން ޖިފުޓިތަކުގައި ރޯނު ފުރި އެނދުގައި ސިއްހީ ހިދުމަތްތައް ރައްޔިތުން ހޯދިއިރު ހުރި ފެންވަރަށް ވުރެވެސް ހާލުގައޭ ބުނުމަކީ ދޮގަކަށް ނުވާނެކަން ޔަގީނެވެ.

އޭޕްރީލް މަހުގެ 15 ވަނަ ދުވަހުން ފެށިގެން އެސްޓީއޯ ބޭސްފިހާރަތަކުން ދަތިކަމެއް ނެތި ލިބޭނެކަމަށް މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރައީސް މުއިއްޒު ވިދާޅުވެ އޭގެ ފަހުން 1 މަސް ފާއިތުވެގެން ދިޔައިރުވެސް އަދިވެސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސް ނުލިބި ރައްޔިތުން ތިބީ ކަންބޮޑުވުމާ މާޔޫސްކަމުގެ ތެރޭގައެވެ.

މިއީ 21 ވަނަ ގަރުނުގެ މޮޑާން ވޯލްޑުގައި ރާއްޖޭގެ ސިއްހީ ނިޒާމުގެ ހާލަތެވެ. ސިއްހީ ދާއިރާގެ އިހުމާލުން އެތައް ފުރާނައެއް އަޅުގަޑުމެންނާ އަލްވަދާއު ކިޔާފައިވާއިރު މިކަމުގައި ވެރިން ދަނީ ރައްޔިތުން ނުުރުހި އަޑުގަދަ ކުރަން ފެށުމުން، ތުއްތު ކުދިން ރޯން ފެށުމުން ތުން މެޓާ ޖައްސާ ބީދައިން ކޮންމެވެސް މޮޅު ހެޑްލައިނެއް އަޅާލަމުންނެވެ.

ނަމަވެސް މިއީ ހަމަ ހައްލުބާއެވެ. މޮޅެތި ހެޑްލައިންތައް ހަދާ އެވޯޑުތައް ރައީސް މީހާ ހޯއްދަވަމުން ގެންދަވާއިރު ރައްޔިތުންނަށް ސިއްހީ ގޮތުން ލިބެން ޖެހޭ އަސާސީ ހައްގުތަކުން މަހްރޫމުވެފައި ތިބޭ ތިބުމާ މެދު ސަރުކާރުން ބުނާނީ ކީކޭބާއެވެ؟

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved