
އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމުގައި އިސްލާމީ ރޫޙާ އެއްގޮތަށް ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދިވެހި ރައްޔިތުންނަށް އިލްތިމާސްކުރައްވައިފިއެވެ.
މި ޢީދުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އެކްސް ޕޯސްޓެއްގައި ވަނީ ދިވެހި ލޮބުވެތި ރައްޔިތުންނަށް ޢީދުގެ ތަހުނިޔާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ރައީސްގެ މެސެޖުގައި މާތްﷲގެ ޙަޟްރަތަށް ގިނަގިނައިން ޙަމްދުކުރުމަށާއި، ތަކުބީރުގެ އަޑު އުފުއްލަވައި، އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ސާބިތުވެ ތިބެ ޢީދު ފާޅުކުރުމަށް ބާރުއަޅުއްވާފައިވެއެވެ.
ބޮޑު ޢީދަކީ ދިވެހީންގެ ޒަމާންވީ އާދަކާދައިގެ މަތިން ޢާއިލާތަކާއެކު ރަށްރަށަށް ދަތުރުކޮށް، އިޖްތިމާޢީ ގުޅުންތައް ބަދަހިކުރާ ދުވަސްވަރެއްކަން ރައީސް ފާހަގަކުރެއްވިއެވެ. މުއިއްޒު ވިދާޅުވީ މި ޢީދަކީ ދިވެހީންގެ މެދުގައި އޮތް އުޚުއްވަތްތެރިކަން އިތުރަށް ބަދަހިވެގެންދާނެ ދުވަސްތަކެއް ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، މި ޢީދަކީ ކޮންމެ ރައްޔިތަކަށްމެ އަމާންކަމާއި ހިތްހަމަޖެހުން އިޙްސާސްވާނެ ފަދަ އުފާވެރި ޢީދަކަށް ވުމަށް އެދި ހެޔޮ ދުއާ ކުރައްވަމުންނެވެ.










