
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ނުޙައްޤު ޖަލު ހުކުމް އިއްވެވި ކްރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަހްމަދު ޝަކީލުގެ ކޮއްކޮ، ޝުކުރުﷲ ޝަކީލަށް ސަރުކާރުގެ މަތީ މަގާމެއް ދީފިއެވެ.
ޝުކުރުﷲ ޝަކީލު އައްޔަންކުރައްވާފައިވަނީ މިނިސްޓްރީ ފޯ ދިވެހި ލޭންގުއޭޖް، ކަލްޗާ އެންޑް ހެރިޓޭޖްގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށެވެ.
ވ. އާރަށުގެ މުއާމަލާތާ ގުޅިގެން ރައީސް ޔާމީންގެ މައްޗަށް ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 11 އަހަރުގެ ޖަލު ހުކުމެއް އިއްވެވީ އޭރު ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި އަހްމަދު ޝަކީލެވެ. މި ހުކުމުގެ ސަބަބުން މިދިޔަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ރައީސް ޔާމީނަށް ވަނީ ގެއްލިފައެވެ.
އެ ދުވަސްވަރު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ވަނީ ގާޒީ ޝަކީލަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެ ކޯލިޝަންގެ ވެރިކަމެއްގައި އޭނާއަށް ފަނޑިޔާރުގޭގައި ނުހުރެވޭނެ ކަމަށް ބުނެފައެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިވަނީ އޭނާގެ ކޮއްކޮއަށް ސަރުކާރުގެ ސިޔާސީ މަތީ މަގާމެއް ދެއްވާފައެވެ.
ކްރިމިނަލް ކޯޓުގެ އިސްގާޒީކަމަށްފަހު ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރެއްވި އަހްމަދު ޝަކީލު، ފަނޑިޔާރުކަމުގެ މަގާމުން ރިޓަޔާ ކުރެއްވީ 2023 ވަނަ އަހަރުގެ ތެރޭގައި ސިއްހީ ސަބަބުތަކާ ގުޅިގެންނެވެ.










