
ދިވެހި ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ނަމަ ރައީސް ޑރ މުހައްމަފު މުއިއްޒު އިސްތިއުފާ ދެއްވާ ގެއަށް ވަޑައިގެންނެވުމަށް، ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ގޮވާލައްވައިފިއެވެ.
އެމަނިކުފާނު މިފަދައިން ގޮވާލެއްވީ ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޕީއެންއެފްގެ، ފްރޮންޓު އޮފީސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ގައުމުގެ ހާލަތު މިއޮތީ ދުވަހަކުވެސް ދަށަށް ނުދާހާ މިންވަރަކަށް ދަށަށް ގޮސްފައި ކަމަށެވެ. އެކަން އެހެން އޮތްކަން ސިފަކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ އެ ހާލަތަކީ މިއަދު އާންމު މީހާ، އަނބިދަރިން ވިއްކާ ހިސާބަށް ދިއުން ކަމަށާ ނަމަވެސް ވެރިންނަށް އެކަމުގައި އެއްވެސް އުނދަގުލެއް ނެތް ކަމަށެވެ.
ސިޔާސީ މުވަްޒަފުންނާ އަދި ދައުލަތުގެ ެކި ހިސާބުތަކުގައި ތިބި އާދައިގެ މުައްޒަފުން ވަޒީފާތަކުން ވަކިކުރަމުންދާއިރު، ރައީސް މުއިއްޒަށް ކޮރަޕްޝަން ހިންގައިދޭނެ މީހުންނާ އަދި އާއިލީ ގޮތުން ގުޅުން އޮތް މީހުންނަށް އަދިވެސް ވަޒީފާ ދެމުންދާ ކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ދައުލަތުގެ ދަރަނި އިންތިހާއަށް އޮތްއިރު އޭގެ ތެރެއިންވެސް ގިނައީ ރިކަރަންޓު ޚަރަދަށް ނުވަތަ މުސާރަ ދިނުމަށް ހޭދަވީ މިންވަރު ކަމަށެވެ.
ރާއްޖެ މިހާރުވެސް އޮތީ އިންޑިއާއިން ބޭނުންވާ އިރަށް ފިޔަވަޅު އެޅޭ ހިސާބަށް އެގައުމަށް ދަރަނިވެރިވެފައިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އިންޑިއާ ނޫން ބަޔަކު ރައީސް މުއިއްޒުގެ ސަރުކާރަށް އެހީވެ އަތްގާތްކޮށް ނުދޭނެ ކަމަށެވެ. އިންޑިއާއިން ވެސް އެހީވަނީ މަކަރާ ހީލަތުން އެގައުމުގެ ދަރަނި ދަންތުރައިގައި ރާއްޖެ ޖައްސަންކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ގައުމުގެ ހާލަތު ގޯހުން ގޯހަށް ދާއިރު މުއއިްޒުވެރިކަމުގައި ހުރެގެން ދެން ވާނެ ހެވެއް ނެތުމުން ގައުމާ ރައްޔިތުންނަށް ހެޔޮ އެދިވަޑައިގަންނަވާ ނަމަ ރައީސްކަމުން އިސްތިއުފާ ދެއްވާ ވަޑައިގަތުމަށް އިލްތިމާސްކުރައްވާ ކަމަށެވެ.
އެމަނިކުފާނު ވަނީ ރައީސް މުހައްމަދު ނަޝީދު ދެއްކެވި މިސާލުން މިސާލު ނެގުމަސް ރައީސް މުއިއްޒަށް ގޮވާލައްވާފައެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ ދައުރު ނިމެންދެން ރައީސް މުއިއްޒު ވެރިކަމުގައި ހުންނަވައިފިނަމަ މި ގައުމަށްވާ ގެއލްުން ނުހަނު ބޮޑު ވާނެ ކަމަށެވެ.










