ރާއްޖެ-އިންޑިޔާ ކޯ ގްރޫޕްގެ ބައްދަލުވުންތައް ބާއްވަމުންދާތީ ދޭހަވަނީ އަދިވެސް މި ގައުމުގައި އިންޑިޔާގެ ސިފައިން އެބަތިބި ކަމަށާއި އެ ސިފައިންގެ އަދަދުވެސް ސަރުކާރުން ހާމަނުކުރާކަން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ދި ފްރޮންޓް އޮފީހުގައި އަންގާރަ ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ތުލުސްދޫ ދާއިރާގެ ގޮނޑި އަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓަށް ސުވާލު އަމާޒުކުރައްވަމުންނެވެ.
އެގޮތުން ރައީސް ޔާމީން ވިދާޅުވީ އިންޑިޔާ ސިފައިން ބޭލުމަށްޓަކައި އެމަނިކުފާނު އިސްވެ ހުންނަވާ ޕީޕީއެމް/ޕީއެންސީގެ ފަރާތުން އޭރުގައި ކުރިޔަށް ގެންދިޔަ އިންޑިޔާ އައުޓް ހަރަކާތަކީ ރާއްޖޭގެ ރައްޔިތުން ވެސް އެ ސިފައިން މި ގައުމުގައި ތިބޭތީ ކަންބޮޑުވެގެން ކުރިޔަށް ގެންދިޔަ ހަރަކާތެއްކަމަަށެވެ.
މިއަދު ސަރުކާރުގެ އިސް ފަޑީގައި ތިއްބަވާ ފަރާތްތަކަށް އެވާހަކަ ދައްކަން ކެރިވަޑައިނުގަންނަވާކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އިންޑިޔާ އައުޓް މައްސަލައިގައި އިންޑިޔާ އައުޓް ޖަހައިގެން އިންޑިޔާ ސިފައިން މިތާ ތިބެން ނުޖެހޭނެކަމަށް ގިނަ ރައްޔިތުން ގަބޫލުކުރާތީ، ވަރަށް ގިނަ މަސައްކަތްތަކެއް ކުރެވުނު، އޭރު ޕީޕީއެމްގެ ފަރާތުން އަދި ޕީއެންސީގެ ބޭބޭފުޅުންވެސް ހިމެނޭގޮތައް. ދެން މިއަދު އެބޭފުޅުން ލަދުވެތިވޭ، ބިރުގަނޭ އެވާހަކަ ދައްކަން. މިއަދު އެޔަކީ މައްސަލައެއްނޫންކަމަށް މިވަނީ. ސަރުކާރުގެ ފަރާތުން މި ދައްކާ ނުވަތަ މުއިއްޒުގެ ފަރާތުން މިދައްކާ ކެންޑިޑޭޓުންވެސް އިންޑިޔާ ސިފައިން ނެތްކަމަށް ބުނަމުން މިދަނީ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ޕީއެންސީގެ ފަރާތުން ނިކުމެ ވާދަކުރައްވާ ކެންޑިޑޭޓުންވެސް އިންޑިޔާ ސިފައިން މި ގައުމުގައި ނެތްކަމަށްބުނެ އިތުރުފުޅު ހައްދަވާކަމަށެވެ.
އޭގެއިތުރުން އަދިވެސް އިންޑިޔާގެ ސިފައިން ނުބޭލިގެން އުޅޭކަން އެ ގައުމާ އެކު ބޭއްވޭ ބައްދަލުވުންތަކުން ހާމަވާކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.
އިންޑިޔާ އައުޓް ކިޔުމާއި އޭގެ ބެނާރތައް ގެންގުޅުން ކުރީ ސަރުކާރުގައި މަނާވެފައިވާ އުސޫލުން މި ސަރުކާރުގައި ވެސް އޮތީ މަނާވެފައިކަމަށް ވިދާޅުވެ ރައީސް ޔާމީންގެ ފާޑުކިޔުން ވަނީ ސަރުކާރުގެ އިސް ފަޑިއަށް އަމާޒުކުރައްވާފައެވެ.