އިސްރާއީލުން ޣައްޒާގެ އެހީ ބަހާ ފަރާތްތަކަށް ހަމަލާދީ ޝަހީދު ކޮށްލައިފިއެވެ.
އަލްޖަޒީރާގެ ނޫސްވެރިން މައުލޫމާތު ދީފައިވާ ގޮތުގައި ޣައްޒާ ސިޓީގެ ކުވައިތީ ރައުންޑަބައުޓް ކައިރީގައި އިސްރާއީލު ސިފައިން ދިން ވައިގެ ހަމަލާގައި މަދުވެގެން 23 މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.
އިސްރާއީލުގެ މި ހަމަލާ އަމާޒު ކޮށްފައި ވަނީ ޣައްޒާ ސިޓީގައި އެހީ ބެހުމުގެ މަސައްކަތް އިންތިޒާމުކޮށް ކުރިއަށް ގެންދިޔަ ފަރާތްތަކަކަށެވެ.
އެހީ ބެހުމުގެ މަސައްކަތުގައި ހަަމަނުޖެހުން ކުޑަކުރުމަށް ޣައްޒާ ސިޓީގައި އެހީ ބެހުމަށް ޣައްޒާގެ އިހުތިރާމު ލިބިގެންވާ އާއިލާތަކާއި ގަބީލާތަކުގެ އިސް މެމްބަރުން ހިމެނޭހެން ކޮމިޓީތައް އެކުލަވާލާފައިވެއެވެ.
އަލްޖަޒީރާއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި އިސްރާއީލުގެ އަސްކަރިއްޔާގެ ހަނގުރާމަ މަތީ ޖެޓުތަކުން ހަމަލާ ދިން އިރު އެފަރާތްތައް ތިބީ ފަލަސްތީނުގެ ރެފިއުޖީންގެ ކަންތައްތަކާ ބެހޭ އދ ގެ ޖަމިއްޔާއަށް ނިސްބަތްވާ ތަނެއްގައެވެ. އަދި އެއީ ހަމަލާތަކުން ރައްކާތެރި ކަމަށް ކަނޑައަޅާފައިވާ ތަނެކެވެ.
ޣައްޒާ ސިޓީގެ ކުވައިތީ ރައުންޑަބައުޓް އަކީ އެ ސަރަހައްދުގައި އެހީ ބަހާ މައި ސަރަހައްދެވެ. އެގޮތުން އެ ސަރަހައްދަށް އަންނަ އެހީގެ ޓްރަކުތަކުގެ އިންތިޒާރުގައި އެތައް ސަތޭކަ ބަޔަކު އެތަނަށް އެއްވެ، އެތައް ގަޑިއިރަކު އިންތިޒާރުގައި ތިބެއެވެ.
އެގޮތުން އެހީ ހޯދަން ދިޔަ މީހުންނަށް އިސްރާއީލުން ދިން ހަމަލާތަކުގައި މިހާތަނަށް 400 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.