June 17, 2026
Advertisement
-
-

ކޮންގޯގެ އައު ސަރަހައްދުތަކަށް އެބޯލާ ފެތުރި، ނުރައްކާ ބޮޑުވެއްޖެ

Aiminath Sarah
އައިމިނަތް ސާރާ
Jun 13, 2026, 01:13 PM
މާލެ ސިޓީ

ކޮންގޯގެ އިރުއުތުރު ސަރަހައްދުގައި ފެތުރެމުންދާ ނުރައްކާތެރި އެބޯލާ ވައިރަސް، އެ ގައުމުގެ އިތުރު ސަރަހައްދުތަކަށް ފެތުރެމުންދާކަން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ހާމަކޮށްފިއެވެ.

Advertisement

ޑަބްލިއުއެޗްއޯ އިން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މިދިޔަ މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ފެތުރެން ފެށި މި ބަލިމަޑުކަމުގައި މިހާތަނަށް 136 މީހަކު މަރުވެފައިވާ ކަމަށެވެ. އަދި ބަލިޖެހުނު މީހުންގެ އަދަދު 676 އަށް އަރާފައިވާއިރު، އިތުރު 119 މީހަކަށް މި ބަލި ޖެހިފައިވާ ކަމަށް ބޮޑަށް ޝައްކު ކުރެވޭ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ. ނަމަވެސް، މި ބަލި ޖެހުނު މީހުންގެ ތެރެއިން 32 މީހަކު މިހާތަނަށް ވަނީ ބަލިން ފަސޭހަވެފައެވެ.

ބަލި ފެތުރެމުންދާ މިންވަރަށް ބަލާއިރު، ބަލިމީހުން އެކަހެރިކޮށްގެން ފަރުވާ ދިނުމަށް ބޭނުންވާ އައިސޮލޭޝަން އެނދުތަކުގެ އަދަދު ލަފާކުރި މިންވަރަށް ވުރެ ދަށްކަން ފާހަގަކޮށް، ޑަބްލިއުއެޗްއޯ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މި ބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އިތުރު ގިނަ މަސައްކަތްތަކެއް ކުރަން ޖެހިފައިވާ ކަމަށްވެސް އެ ޖަމިއްޔާއިން ބުނެއެވެ.

އިޓޫރީ ޕްރޮވިންސުން ފެނުނު އެބޯލާގެ މި ވައްތަރަކީ އާންމުކޮށް ނުފެންނަ "ބުންޑިބުގްޔޯ" ނަމަކަށް ކިޔާ ވައިރަހެކެވެ. މި ވައިރަހަށް އެކަށީގެންވާ ވެކްސިނެއް ނުވަތަ ވަކި ޚާއްޞަ ފަރުވާއެއް އަދި ހޯދިފައެއް ނުވެއެވެ. މި ބަލި މިހާރު ވަނީ ނޯތު ކިވޫ އަދި ސައުތު ކިވޫ ޕްރޮވިންސަށް ވެސް ފެތުރިފައެވެ.

ޑަބްލިއުއެޗްއޯގެ ހެޑް އޮފް އެޕިޑެމިއޮލޮޖީ އެންޑް އެނަލިޓިކްސް ފޯ ރެސްޕޮންސް އޮލިވިއާ ލެ ޕޮލޭން ވިދާޅުވީ، ވޭދަނަތައް ފެންނަ އަދަދާއި ބަލި ފެތުރޭ ސަރަހައްދުތައް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރުވަމުން ކަމަށެވެ. އަދި ބަލި ފެނިފައިވާ ޕްރޮވިންސްތަކުގެ އައު ހެލްތު ޒޯންތަކުން ކޮންމެ ދުވަހަކުވެސް އައު ކޭސްތައް މިހާރު ދެނެގަނެވެމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved