
ބައިތުލްމަޤްދިސްގެ ދެކުނުގައި އޮންނަ ދިއިޝޭ ރެފިއުޖީ ކޭމްޕަށް އިސްރާއީލުގެ އިސްތިއުމާރީ ސިފައިން ވަދެގަނެ، ދިން ރަހުމުކުޑަ ހަމަލާތަކެއްގައި ފަލަސްތީނުގެ ގިނަ ބަޔަކަށް އަނިޔާވެއްޖެއެވެ.
މިއަދު ހިންގި މި އަސްކަރީ އޮޕަރޭޝަނުގައި އިސްރާއީލު ސިފައިން ވަނީ ކޭމްޕުގެ ތެރެއަށް ވަދެގަނެ، އާންމުންނަށް އަމާޒުކޮށް ގިނަ އަދަދަކަށް ކަރުނަ ގޭހާއި ސްޓަން ގްރެނޭޑް އުކާފައެވެ. މި ހަމަލާތަކުގެ ސަބަބުން ކޭމްޕުގައި ދިރިއުޅޭ ފަލަސްތީނުގެ ގިނަ ރައްޔިތުންނަށް ނޭވާލާން އުނދަގޫވެ، ކަރުނަ ގޭހުގެ ނުރައްކާތެރި އަސަރުތައް ވަނީ ކޮށްފައެވެ.
އިސްރާއީލުން މި ހަމަލާ ދީފައިވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ބިރުދެއްކުމަށާއި، އެމީހުންގެ ވަޒަނުން ބޭރުކޮށްލުމަށް ހިންގާ ލާއިންސާނީ އަމަލުތަކުގެ ތެރެއިންނެވެ. މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގައި ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ.










