
ފިލިޕީންސްގެ ވެރިރަށް މެނިލާގައި ހުންނަ އެމެރިކާ އެމްބަސީ ކައިރިއަށް އެތައް ސަތޭކަ ބަޔަކު އެއްވެ، އެމެރިކާގެ އަސްކަރީ ސިޔާސަތުތަކާ ދެކޮޅަށް މިއަދު ވަރުގަދަ މުޒާހަރާއެއް ބާއްވައިފިއެވެ.
މި މުޒާހަރާގެ ބައިވެރިން ވަނީ ފުލުހުން ޖަހާފައިވާ ބެރިކޭޑްތައް މުގުރާލައި، އެމެރިކާ އެމްބަސީއާ ދިމާއަށް ކުރިއަށް ދިއުމަށް މަސައްކަތް ކޮށްފައެވެ. މުޒާހަރާގެ ބައިވެރިންގެ މައިގަނޑު ޑިމާންޑަކީ ފިލިޕީންސްގައި ތިބި އެމެރިކާ ސިފައިން ވަގުތުން އެ ގައުމުން ބޭރުކުރުމެވެ.
އަދި ފިލިޕީންސްގެ އެކި ސަރަހައްދުތަކުގައި އެމެރިކާގެ އަސްކަރީ މަރުކަޒުތައް ގާއިމުކޮށް، އަސްކަރީ ބާރު ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކާ މުޒާހަރާގެ ބައިވެރިން ވަނީ ވަރަށް ބޮޑަށް ދެކޮޅު ހަދާފައެވެ.
މި މުޒާހަރާ ކުރިއަށް ދިޔައީ އެމެރިކާ އާއި ފިލިޕީންސްގެ އަސްކަރީ ގުޅުން ބަދަހިކުރުމުގެ މަޝްވަރާތަކެއް ކުރިއަށްދާ ދަނޑިވަޅެއްގައެވެ. މުޒާހަރާގެ ބައިވެރިން ބުނަމުންދަނީ ބޭރުގެ އަސްކަރީ ބާރުތައް ގައުމުގައި ތިބުމަކީ ގައުމުގެ މިނިވަންކަމަށް އޮތް ނުރައްކަލެއް ކަމަށެވެ.
މުޒާހަރާ ކޮންޓްރޯލް ކުރުމަށްޓަކައި ފުލުހުން ވަނީ ބާރުގެ ބޭނުންކޮށް، ބައެއް މީހުން ހައްޔަރުކޮށްފައެވެ.










