
މިއަދު ހެނދުނު ކުޅުނު މެޗުގައި އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ދެއްކި މޮޅު ކުޅުމާއި، އޭނާ ހެދި ހެޓްރިކާއެކު ދުނިޔޭގެ ފުޓްބޯޅަ ފޯރި އަނެއްކާވެސް އިންތިހާއަށް ގަދަވެއްޖެއެވެ. އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުން އެޓީމު މޮޅުކޮށްދިނުމުގައި މެސީ އިސްދައުރެއް އަދާކުރުމުން، މިހާރު މުޅި ދުނިޔެ އިންތިޒާރު ކުރަމުންދަނީ މިރޭ ޕޯޗުގަލް ކުޅޭ މެޗަށެވެ.
މިރޭ ރާއްޖެ ގަޑިން 10:00 ގައި ޕޯޗުގަލް ނުކުންނާނީ ކޮންގޯއާ ދެކޮޅަށެވެ. މި މެޗަކީ ހަމައެކަނި ޕޯޗުގަލްގެ ސަޕޯޓަރުންނަށް އޮތް މެޗެއް ނޫނެވެ. މިއީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ނުވަތަ "ގޯޓް" އަކީ ކާކުތޯ ބަހުސްކުރާ ފުޓްބޯޅަ ސަޕޯޓަރުންނަށް ވަރަށް މުހިންމު މެޗެކެވެ. މެސީގެ ހެޓްރިކާއެކު އޭނާގެ ސަޕޯޓަރުން އުފާފާޅުކުރަމުންދާއިރު، ކްރިސްޓިއާނޯ ރޮނާލްޑޯގެ ސަޕޯޓަރުން މިރޭ އިންތިޒާރު ކުރަމުންދަނީ ރޮނާލްޑޯގެ ފަރާތުން ފެންނާނެ ވަރުގަދަ ކުޅުމަށެވެ.
އަބަދުވެސް ވާދަވެރިކަން ބޮޑު މި ދެ ކުޅުންތެރިންގެ ސަޕޯޓަރުންގެ މެދުގައި މިހާރުވެސް ސޯޝަލް މީޑިއާގައި ވަނީ ބަހުގެ ހަމަލާތައް ފެށިފައެވެ. މެސީގެ ސަޕޯޓަރުން އޭނާގެ މޮޅުކަމުގެ ވާހަކަ ދައްކަމުންދާއިރު، ރޮނާލްޑޯގެ ސަޕޯޓަރުން ބުނަމުންދަނީ މިރޭ ކޮންގޯއާ ދެކޮޅަށް ރޮނާލްޑޯ ނުކުމެ އޭނާއަކީ އަދިވެސް ދުނިޔޭގެ ރަސްގެފާނުކަން ސާބިތުކޮށްދޭނެ ކަމަށެވެ.
މިރޭ 10 ޖަހާއިރު ފަށާ މި ފޯރިގަދަ މެޗުގައި ރޮނާލްޑޯއަށް މެސީއާ އެއްވަރުގެ ނުވަތަ އެއަށްވުރެ މޮޅު ކުޅުމެއް ދެއްކޭނެތޯ މިއީ މިހާރު އެންމެ އުފެދޭ ސުވާލެވެ. ކޮންމެއަކަސް، މިރޭގެ މެޗަކީ ފުޓްބޯޅައިގެ ފޯރި އާ އުސްމިނަކަށް ގެންގޮސްދޭނެ މެޗަކަށް ވާނެކަން ޔަގީނެވެ.









