
ފްރާންސްގައި މިހާރު ކުރިއަށްދާ ޖީ7 ސަމިޓުގެ ތެރެއިން، އެމެރިކާ އާއި އީރާނާ ދެމެދު ކުރަމުންދާ ހަނގުރާމަ ހުއްޓާލުމުގެ ފުރަތަމަ އެއްބަސްވުމުގައި ދެ ގައުމުގެ ވެރިން ސޮއިކުރައްވައިފިއެވެ. މި އެއްބަސްވުމަށް ސޮއިކުރި ވަގުތުން ފެށިގެން އަމަލުކުރަން ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.
މި އެއްބަސްވުމުގެ ދަށުން އެންމެ މުހިންމު ކަމެއްގެ ގޮތުގައި ހިމެނެނީ، ބައިނަލްއަގުވާމީ ވިޔަފާރީގެ މައި ރޫޓް ކަމަށްވާ ހޯރްމޫޒް ކަނޑުއޮޅި އަލުން ހުޅުވާލުމެވެ. މީގެ އިތުރުން، ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ އީރާން އަލުން އާރާސްތުކުރުމަށް 300 ބިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ކުރިއަށް ގެންދިއުމަށާއި، އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ހުރިހާ ދަތިކުރުމުގެ ފިޔަވަޅުތަކެއް އުވާލުމަށް ވެސް ވަނީ އެއްބަސްވެފައެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވީ، މިއީ ދުނިޔެ އިގްތިސާދީ ކާރިސާއަކުން ސަލާމަތްކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، ހަނގުރާމަ ފެށުމުގެ މައިގަނޑު ސަބަބު ކަމަށްވާ އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ މެދު އަދިވެސް ގޮތެއް ނުނިމެއެވެ. މި މައްސަލައިގައި ކުރިއަށް އޮތް 60 ދުވަހުގެ ތެރޭގައި މަޝްވަރާކޮށް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ، އީރާނަށް ވަރުގަދަ ބޮމުގެ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއާން މި އެއްބަސްވުމުގައި ސޮއިކުރެއްވިކަން ތެހެރާނުން ވަނީ ކަށަވަރުކޮށްދީފައެވެ. އެހެންނަމަވެސް، އީރާނުގެ މަޖިލީހުގެ ރައީސް މުހައްމަދު ބާގިރު ގާލިބާފް ވިދާޅުވީ، އެމެރިކާއަށް ކުރާ އިތުބާރު ކުޑަ ކަމަށާއި،އަލުން ބާރުގެ ބޭނުންކުރަން ޖެހިއްޖެ ހާލަތަލަށް އީރާން އޮތީ ތައްޔާރަށް ކަމަށެވެ.
މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ފެށި މި ހަނގުރާމައިގެ ފުރަތަމަ ދުވަހު އީރާނުގެ ރޫހާނީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އާއި އަސްކަރީ އިސްވެރިން ވަނީ އަވަހާރަކޮށްލާފައެވެ. މި ހަނގުރާމައިގެ ސަބަބުން ހޯރްމޫޒް ކަނޑުއޮޅި ބަންދުވުމުން، ދުނިޔޭގެ ބާޒާރުގައި ތެލާއި ހަކަތައިގެ އަގު އިންތިހާއަށް އުފުލި، ބޮޑު ނުތަނަވަސްކަމެއް ވަނީ އުފެދިފައެވެ. އެއީ ދުނިޔޭގެ ތެލާއި ގޭހުގެ 20 އިންސައްތަ އާންމުކޮށް އުފުލަނީ މި ކަނޑުއޮޅި މެދުވެރިކޮށް ކަމަށްވާތީއެވެ.










