June 19, 2026
Advertisement
-
-

ލުބުނާނު އަންދާލައި ހުލިކޮށްލަން ޖެހޭ: އިސްރާއީލުގެ މިނިސްޓަރު ބެން ގްވިރް

Aiminath Sarah
އައިމިނަތް ސާރާ
Jun 19, 2026, 03:17 PM
މާލެ ސިޓީ

އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވިރް، ލުބުނާނުގެ ރައްޔިތުންނާ ދެކޮޅަށް ގަތުލުއާންމެއް ހިންގައި އެ ގައުމު އެއްކޮށް ސުންނާފަތިކޮށްލުމަށް ގޮވައިލައިފިއެވެ.

Advertisement

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ލުބުނާނަށް ފުޅާކުރަމުންދާ ދަނޑިވަޅެއްގައި ބެން ގްވިރް ބުނެފައިވަނީ، އިސްރާއީލުގެ ކޮންމެ މަންމައެއްގެ ލޮލުން އޮހޭ ކަރުނައެއްގެ ބަދަލުގައި، ލުބުނާނުގެ ހާސް މައިން ރޯންޖެހޭނެ ކަމަށެވެ. އަދި މުޅި ލުބުނާނު އަންދާލައި އަޅިއަށް ހަދާލަން ޖެހޭނެ ކަމަށް ބުނެ އޭނާ ވަނީ ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތަކާ ޚިލާފު، އަނިޔާވެރިކަމަށް ހިތްވަރުދޭ ވާހަކަތަކެއް ދައްކާފައެވެ.

ބެން ގްވިރްގެ މި އިންޒާރަކީ އިސްރާއީލުން ފަލަސްތީނާއި ލުބުނާނުގެ މުސްލިމުންނާ ދެކޮޅަށް ގެންގުޅޭ ނަސްލު ނައްތާލުމުގެ ސިޔާސަތު އިތުރަށް ހާމަވެގެންދިޔަ ކަމެކެވެ. އިސްރާއީލުގެ މިފަދަ ހަރުކަށި މިނިސްޓަރުންގެ ބަސްމަގު ހުރީ މުޅި ސަރަހައްދުގައި ހަނގުރާމައިގެ ހުޅުގަނޑު ފަތުރައި، މައުސޫމް އެތައް ހާސް ރައްޔިތުންނެއް ގަތުލުކުރުމަށް އަމާޒު ހިފައިގެންކަން ދުނިޔޭގެ މުޖުތަމައުން ދަނީ ފާހަގަކުރަމުންނެވެ.

ލުބުނާނުގެ އާންމު ރައްޔިތުންނާއި ކުޑަކުދިންނަށް އަމާޒުކޮށް އިސްރާއީލުން ދެމުންދާ ހަމަލާތައް ވަރުގަދަކޮށްފައިވާ މި ދަނޑިވަޅުގައި، ބެން ގްވިރްގެ މި ލާއިންސާނީ ގޮވައިލުމާއެކު އިސްރާއީލުގެ އިސްތިއުމާރީ ރޭވުންތަކުގެ ނުރައްކާތެރިކަން މިވަނީ އިންތިހާއަށް ބޮޑުވެފައެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ބުނާ ގޮތުގައި، މިއީ ހަނގުރާމައިގެ ޖަރީމާތަކަށް ސީދާ މަގުފަހިކޮށްދޭ، ބައިނަލްއަގުވާމީ މައިދާނުގައި ހަރުކަށި ފިޔަވަޅު އަޅަންޖެހޭ ފަދަ ނުރައްކާތެރި ބަޔާނެކެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved