
ރައީސް ޑރ މުހައްމަދު މުއިއްޒުހާ ޚުދުމުހުތާރު، މުޑުދާރު ވެރިކަމެއް ކުރާނެ ވެރިއެއް ދިވެހި ތާރީޚު ނުދެކޭނެ ކަމަށް ޕީއެންއެފްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިފަދައިން ވިދާޅުވީ އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވަނީ ރައީސް މުއިއްޒު ގާނޫނާ ގަވާއިދުތަކަށް ގޮން ޖައްސަވާ ވެރިކަން ކުރައްވަމުން ގެންދަވާ ކަމަށް ތުހުމަތު ކުރައްވާ އެކަމާ މެދު ނުރުހުން ފާޅުކުރައްވާފައެވެ.
އެގޮތުން ޓެންޑަރ ބޯޑުވެސް އުވާލެއްވިކަން ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ އެކަން އެހެން ކުރެއްވުމަށް ފަހު ރައީސް މުއިއްޒު ގެންދަވަނީ ހިތުހުރި ގޮތަކަށް ޕްރެޖެކްޓުތައްވެސް ބައްސަވަމުން ކަމަށާ ރައްޔިތުން މަޖިލިސް އޮތީ ރައްޔިތުން ހަވާލުކުރި ޒިންމާއާ މެދު ޚިޔާނާތްތެރިވެ، ހަނު ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ގާނޫނާ ގަވާއިދުތަކެއް ހެދިފައި ހުރި ނަމަވެސް ރައީސް މުއިއްޒުގެ ފަރާތްޕުޅުން ފެންނަމުން ދަނީ ޚުދުމުހުތާރުކަމުގެ އިންތިހާ ކަމަށާ ގާނޫނުތަކާ ގަވާއިދުތަކަށް ގޮން ޖައްސަވާ. އެންމެ މުޑުދާރު ވެރިކަމެއް ކުރައްވަނީ ވެސް ރައީސް މުއިއްޒު ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުހާ މުޑުދާރުވެރިކަމެއް ކުރައްވާނެ އިތުރު ވެރިއަކު އަންނާނެހެން ހީވެސް ނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
ރައީސް ޔާމީން ވަނި ރައީސް މުއިއްޒު ވެރިކަމުގެ ބާރު ލިބި ކަންކަން ހަނދާން ނެތުމުން އެކަންކަން ހަނދާން ކޮށްދީ ޖަވާބުދާރީ ކުރުވަން ގާނޫނުން ޒިންމާ މަތިކުރާ ދެ މުއައްސަސާ ފެއިލްވެއްޖެ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ، އެޓާރނީ ޖެނެރަލްއާ ޕްރޮސެކިއުޓާ ޖެނެރަލް ވެސް ވަނީ ގާނޫނުން އެ ބޭފުުޅުންނާ މަތިކުރާ ޒިންމާއަށް މެދު އިހުމާލުވެފައިވާ ކަމަށެވެ.










