June 18, 2026
Advertisement
-
-

ކޮންގޯ އިން “ގޯޓް” ރޮނާލްޑޯ ހިފަހައްޓައިފި

Aiminath Sarah
އައިމިނަތް ސާރާ
Jun 18, 2026, 12:20 AM
މާލެ ސިޓީ

ފީފާ ވޯލްޑް ކަޕްގައި މިރޭ "ގޯޓް" ކުޅޭނެ ކަމަށް ބަލައި ފޯރިގަދަވި ސަޕޯޓަރުންނަށް ލިބުނީ ކުއްލި ޝޮކެއްކަން ޔަގީނެވެ. ގިނަ ބަޔަކު އިންތިޒާރު ކުރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޖާދޫ މިރޭ ކޮންގޯއިން ވަނީ ބަންދުކޮށްލާފައެވެ. ޕޯޗުގަލް އާއި ކޮންގޯ ބައްދަލުކުރި ފޯރިގަދަ މެޗު ނިމުނީ އެއްވަރުވެގެންނެވެ.

Advertisement

މިއަދު ހެނދުނު މެސީ ހެޓްރިކެއް ހަދައި "ގޯޓް" ގެ މަގާމަށް އަތްގަދަ ކުރުމުން، ރޮނާލްޑޯގެ ސަޕޯޓަރުން ތިބީ މިރޭ އޭނާ ކޮންގޯ ކޮޅަށް ލަނޑުތަކެއް އޮއްސާލާނެ ކަމަށް އުއްމީދު ކޮށްގެންނެވެ. ނަމަވެސް ކަންވީ ދިމާ އިދިކޮޅަށެވެ. ކޮންގޯގެ ޑިފެންޑަރުން ވަނީ ރޮނާލްޑޯއަށް ނޭވާލާނެ ފުރުސަތެއްވެސް ނުދީ، އޭނާ މުޅި މެޗުގައި ހިފަހައްޓާލާފައެވެ.

މެޗަށްފަހު ސޯޝަލް މީޑިއާގައި މެސީގެ ސަޕޯޓަރުން ދަނީ ރޮނާލްޑޯއަށް ވަރަށް ބޮޑަށް ޖޯކު ޖަހަމުންނެވެ. ބައެއް ސަޕޯޓަރުން ބުނާ ގޮތުގައި "ގޯޓް" މިރޭ އުޅުނީ ކޮންގޯގެ ކޮށީގައި ބަންދުވެފައެވެ. މެސީ ހެޓްރިކް ހެދިއިރު، ރޮނާލްޑޯއަށް ކޮންގޯގެ ޑިފެންސް ފޫއަޅުވާލާނެ ގޮތެއްވެސް ނޭނގުނު ކަމަށް ބުނެ މެސީގެ ސަޕޯޓަރުން އަންނަނީ ޕޯޗުގަލްއަށް މަލާމާތްކުރަމުންނެވެ.

މި ނަތީޖާއާއެކު، ޕޯޗުގަލްގެ ސަޕޯޓަރުންގެ މޫނުމަތިން ފެންނަނީ މާޔޫސްކަމެވެ. ހެނދުނު މެސީ ދެއްކި މޮޅު ކުޅުމަށް ރައްދު ދޭން ތިބި ފޭނުންނަށް މިރޭ ޖެހުނީ ބަލި ގަބޫލުކޮށްގެން ތިބޭށެވެ. "ގޯޓް" ގެ ބަހުސްގައި މިރޭ ކުރި ހޯދީ ކޮންގޯގެ ވަރުގަދަ ޑިފެންޑަރުންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

މިރޭގެ މެޗަށްފަހު އެނގިގެން ދިޔައީ، ކޮންމެ ފަހަރަކު ނަމަކުން އެކަނި މެޗު ނުކާމިޔާބު ކުރެވޭނެ ކަމެވެ. ރޮނާލްޑޯއަށް ޖެހޭނީ ދެން އޮތް މެޗެއްގައި މިއަށްވުރެ މާ ވަރުގަދަ ކުޅުމެއް ދައްކައި، އޭނާގެ "ގޯޓް" ކަން ސާބިތުކޮށްދޭށެވެ. އޭގެ ކުރިން، މެސީގެ ސަޕޯޓަރުންގެ މަލާމާތުން ސަލާމަތްވުން ވާނީ އުނދަގޫ ކަމަކަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved