
ދެކުނު އޭޝިއާގައި އެންމެ ޚަރަދު ބޮޑު ގައުމަކަށް އަނެއްކާވެސް ރާއްޖެ ވެއްޖެއެވެ.
ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އެކަނި އުޅޭ މީހެއްގެ ދިރިއުޅުމުގެ ޚަރަދު އެންމެ ބޮޑު ގައުމުގެ ގޮތުގައި ދިވެހިރާއްޖެ އަނެއްކާވެސް ހިމެނިފައިވާ ކަން ހާމަވެފައިވަނީ، ބަންގްލަދޭޝްގެ މީޑިއާއެއް ކަމަށްވާ ފިންޓެކް ނިއުސް ބީޑީން ނަމްބިއޯގެ ޑޭޓާއަށް ބިނާކޮށް އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުންނެވެ.
އެ ހިސާބުތައް ދައްކާ ގޮތުގައި، ސާކްގެ މެންބަރު ގައުމުތަކުގެ ތެރެއިން ރާއްޖޭގައި ދިރިއުޅުމުގެ އަގުތައް އުޅެނީ އެންމެ މަތީގައެވެ. އެގޮތުން ކުލި ނުހިމަނައި ރާއްޖޭގައި އެކަނި އުޅޭ މީހެއްގެ މަހެއްގެ އާންމު ޚަރަދަކީ ގާތްގަނޑަކަށް 812 އެމެރިކާ ޑޮލަރެވެ. އެއީ ބޭންކް ރޭޓުން ބަލާނަމަ ގާތްގަނޑަކަށް 12،521.04 ރުފިޔާއެވެ.
ސަރަހައްދުގެ އެހެން ގައުމުތަކާ އަޅައި ބަލާއިރު މިއީ ވަރަށް ބޮޑު ތަފާތަކަށްވާއިރު، ރާއްޖެއާ އެންމެ ގާތްކުރަނީ އަވައްޓެރި ސްރީ ލަންކާއެވެ. އެ ގައުމުގައި މަހެއްގެ ޚަރަދަކީ 449 ޑޮލަރެވެ. ލަންކާގައި ދިރިއުޅޭ މީހަކަށް ވުރެ ގާތްގަނޑަކަށް ދެ ގުނަ އިތުރަށް ރާއްޖޭގައި ދިރިއުޅޭ މީހަކު އަސާސީ ޚަރަދުތަކަށް ހޭދަކުރަން ޖެހޭކަން މީގެން ފާހަގަވެއެވެ.
ލިސްޓުގެ ތިންވަނައިގައި 397 ޑޮލަރާއެކު އަފްޣާނިސްތާން އޮތްއިރު، ބޫޓާންގައި މި ޚަރަދު އުޅެނީ 380 ޑޮލަރުގައެވެ. ޕާކިސްތާނުގައި 354 ޑޮލަރު އަދި ބަންގްލަދޭޝްގައި 348 ޑޮލަރު ރެކޯޑުކުރެވިފައިވެއެވެ. ސާކް ސަރަހައްދުން ދިރިއުޅުމުގެ ޚަރަދު އެންމެ ކުޑައީ ނޭޕާލް އަދި އިންޑިއާގައެވެ. އެގޮތުން ނޭޕާލްގައި 312 ޑޮލަރު ހޭދަވާއިރު، އިންޑިއާގައި މީހެއްގެ މަހެއްގެ ޚަރަދަކީ އެންމެ 292 ޑޮލަރެވެ. މިއީ ރާއްޖެއާ އަޅައި ބަލާއިރު ގާތްގަނޑަކަށް ތިން ގުނަ ކުޑަ އަދަދެކެވެ.
ދިރިއުޅުމމުގެ ހަރަދުތައް ރާއްޖޭގައި، ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު ބޮޑުއިރު، އަސާސީ މުދަލާއި ކާބޯތަކެތީގެ އަގުތައް އުފުލެމުންދާތީ އާންމުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި މުދަލުގެ އަގު ބޮޑުވުމުގެ މައިގަނޑު ސަބަބަކީ ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކާއި، ޑޮލަރު ގަންނަން ލިބޭ އަގު ބޮޑުވުމެވެ.










