theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ދިވެހީންގެ ރާއްޖެ، އޮރެންޖާ އާފަލުވެސް ނުކެވޭހާ އަގު ބޮޑު ރާއްޖެ އެއް! / ތޭރަގްރެފިކްސް
ރިޕޯޓު
ދިވެހީންގެ ރާއްޖެ، އޮރެންޖާ އާފަލުވެސް ނުކެވޭހާ އަގު ބޮޑު ރާއްޖެ އެއް!
Mariyam Isaadha
މަރިޔަމް އިސާދާ
08 ސެޕްޓެމްބަރު 2025
މާލެ ސިޓީ

2018 ވަނަ އަހަރުގެ 17 ނޮވެމްބަރުން ފެށިގެން އޮތް ޖަޒީރާ ރާއްޖޭގައި ދިވެހިން ބިކަވެ އެޖެންޑާ 19 އެއްގެ ތެރެއިން އުފަންވި ކެހިވެރި ފަތިހަކާ އެކު މުޅި ގައުމު ހަފުސްވެ ސުންނާފަތިވެ ބިކަވެ ނިކަމެތިވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް އެންމެ ފަހު ސިއްކަ ޖެހުމާއެކު އެއްވެ ތިބެ ގިނަ ބައެއްގެ އަޑުން މުޅި ޖުމްހޫރީ މައިދާން ގުގުމާލިއެވެ.

ޖަޒީރާ ރާއްޖެއަކުން ދިވެހީންގެ ރާއްޖެއަކަށް އަލިވިލުނީ އެތައް ދިވެހީން ނެތްގެ ބުރަ މަސައްކަތުންނެވެ. އެތައް ބަޔަކު ވީ ގުރުބާނީއާ ތަހައްމަލުކުރި އަނިޔާވެރިކަމަށް ނިމުމަށް ގެނައުމަށް ކުރި ބިޔަ ބޮޑު މަސައްކަތުންނެވެ. ދިވެހީންގެ ރާއްޖެއަކަށް ގައުމު ހޭލާ މުޅި ގައުމުގައި އާރޯ ކަމާ ތާޒާކަން ފެވިގެން ދާނެ ކަމުގެ ފޮނި އުއްމީދާ އެކުއެވެ.

އަނިޔާވެރިކަމާ ބޭއިންސާފުގެ މޮޅިވެރި ސާލެއް މުޅި ގައުމުގައި ދެމިފައި އޮތްއިރު އެކަން ނިމުމަކަށް ގެނެސް ރާއްޖެއަށް އުފާ ފަގަތިކަން ވެރިވިޔަ ދިނުމަށެއެވެ. ފެހި ފަހި ފިޔާތޮށީ ކުލަޔަކުން އާފާގު ޒީނަތްވެ ފުސްވިލާތަށް އުދަރެހުން ކެހި މުސްތަގުބަލެއް ގެނައުމަށެވެ.

ޖަޒީރާ ރާއްޖޭގައި ފެނިގެން ދިޔަ ރަން ރީނދޫކުލަ ދިވެހިންނަށް ކަމު ނުގޮސް ރައްޔިތުން ދިވެހީންގެ ރާއްޖެއަކަށް މަރުހަބާ ކީ ދަރަނިން ގައުމު ސަލާމަތްކޮށް މުޅި ގައުމު އަރަނީގެ ރާއްޖެއަކަށް ހެދުމުގެ ފޮނި އުއްމީދުގައެވެ.

ރަށްވެހި ބިންވެރި އަހުލުވެރި ރައްޔިތުންގެ ރާއްޖެއަކަށް މުޅި ރާއްޖެވުމުގެ އުއްމީދުގައެވެ. ހާ އުފާވެރި ދިރުމެއް ހަޔާތަށް އާންމުކުރުމަށެވެ. އިސްވެ ފެނުނު ތަރައްގީ އާންމުވާން އެދޭތީއެވެ.

ޗާލު ރާއްޖެއަކުން ހާލު ބަދަލުވާން އެދޭތީއެވެ. ނަމަވެސް ކަން ވީ މިހެންތޯ ނުވަތަ ކަންވަމުން ދަނީ މިހެން ތޯ މިއަދު އެބަ ސުވާލު އުފެދެއެވެ. ފެންނަމުން ދާ މަންޒަރުތަކުންނެވެ.

ނަމަވެސް ދިވެހީންގެ ރާއްޖެއަށް މަރުހަބާކީތާ ދެ އަހަރު ފާއިތުވާންދާއިރު ފެނިގެން ދަނީ ކުރިން ހީކުރި ފަދަ ރާއްޖެއެއް ނޫން ކަމަށް ގިނަ ދިވެހީން ދަނީ ބުނަމުންނެވެ. އެގޮތުން ރައްޔިތުން މިހާރު އޮތް ވެރިކަން މަތިން ކުރު މުއްދަތެއްގެ ތެރޭގައި ފޫހިވެ ނިމިއްޖެއެވެ. ސިޔާސީ މީހުން މަތިން ފޫހިވަނީ ފޫހިވާން ޖެހިގެން ކަމާ އެއީ ބަހާ އަމަލާ ދިމާ ނުވާތީކަން ނިކަން ރަގަޅަށް ހާމަވެގެން ހިނގައްޖެއެވެ.

ރައްޔިތުންނަށް ލިބެމުންދިޔަ ސަބްސިޑީ ނުވަތަ އިނާޔަތްތައް ރިފޯމްކޮށް، ޓެކްސްއާއި ޑޮލަރުގެ ރޭޓް މަތިކޮށް ލިބޭ އެއްޗަކުން ރައްޔިތުން ދެކޮޅު ނުޖެހޭ ހިސާބަށް މުއިއްޒު ވަނީ ދިވެހި ރައްޔިތުން ގެންގޮސްފައެވެ. ތަކެތީގެ އަގު ބޮޑުވެ ރައްޔިތުން ހަނާވަނީއެވެ. ވެރިއަކަށް ހަމަ ހިލާ ރޭކާލާ ކަމަކަށް ވެެސް ނުވެއެވެ. ވެރިން ބުނާ ގޮތުގައި ގައުމު އޮތީ އަރަނީގައެވެ. ނަމަވެސް ތަކެތީގެ އަގު ދަނީ އިންތިހާއަށް މައްޗަށެވެ.

މީގެ ކުރިން އެންމެ އާންމު ރައްޔިތު މީހާވެސް ކާލަން ބޭނުންކުރާ މޭވާއާ ތަރުކާރީގެ ބާވަތްތައް ވެސް އިންތިހާއަސް މައްޗަށް ގޮސްފިއެވެ. އޮރެންޛެއްގެ އަގު 14-15 ރުފިޔާއާ ދެމެދުގައި ހުރިއިރު އާފަލެއްގެ އަގު އުޅެނީ 12-15 ރުފިޔާއާ ދެމެދު ގައެވެ. މިއީ ތަންކޮޅެއް އަޑު ބާރު މައިކުތަކުން ވާހަކަ ދައްކާ މެމްބަރުން ދޮގު ކުރި އަސް ހަގީގަތެވެ. އެ ބޭފުޅުންނަށް ލޮލަށް ފިހާރަތަކުގައި ހުންނަ އަގުތައް ފެންނަ ގޮތް ތަފާތީ ކަމަށްވެސް ވެދާނެއެވެ. ކުލަ ކުލައިގެ ދަބަހުގައި މުސާރައިގެ އިތުރުން އެލަވަންސު ލިބެންޏާ އެހެންވެސް ވެދާނެއެވެ.

ނަމަވެސް މިއަދު ގަބޫލުކުރަން ޖެހޭ ހަގީގަތަކީ، ކެތީގެ އަގު ބޮޑުވެ ގައުމުގެ ހާލަތު ފާލުން ނެއްޓި އިހުނަށްވުރެ ގައުމުގެ ހާލަތު ދަށަށްދާކަމެވެ. މާލޭގައި ޒަރޫރީ ތަކެތީގެ އަގުތަކަށް މިދިޔަ މަހު އައި ބަދަލުތަކާ ގުޅޭ ގޮތުން ސްޓެޓިސްޓިކްސް ބިއުރޯއިން އެކުލަވައިލައިފައިވާ އެސެންޝަލް ކޮމޯޑިޓީސް ޕްރައިޒް އިންޑެކްސްއިން ދައްކާ ގޮތުގައި، މިދިޔަ މަހު ޒަރޫރީ ތަކެތީގެ އަގުތައް ވަނީ އުފުލިފައެވެ.

މި އަހަރުގެ ޖުލައި މަހުން އޮގަސްޓު މަހަށް، ޒަރޫރީ ތަކެތީގެ އަގު ވަނީ 1.19 ޕަސެންޓް އިތުރުވެފައެވެ. އަދި މިދިޔަ އަހަރުގެ އޮގަސްޓު މަހާ އަޅައިބަލާއިރު މިދިޔަ މަހު އަގުތައް ހުރީ 1.92 ޕަސެންޓް އުފުލިފައެވެ.

އޭގެ ތެރެއިން ކެއުމަށް ބޭނުން ކުރާ ތަކެއްޗަށް ބަލާއިރު، ޖުލައި މަހުން އޮގަސްޓު މަހަށް އަގުތައް ވަނީ 1.62 ޕަސެންޓް އިތުރުވެފައެވެ.

މިއީ ސަރުކާރުގެ ހިސާބުތަކެވެ. އެހެންކަމުން ހިސާބު އަކުރުތައް ދޮގު ހެކި ނުދޭނެއިރު މިއަދު ފޮނި އުއްމީދާއެކު އެތައް ދިވެހީންނެއްގެ މިންނެތް މަސައްކަތުން ގެނައި ދިވެހީންގެ ރާއްޖެ މި ބަދަލުވީ އޮރެންޖާ އާފަލުވެސް ނުކެވޭހާ އަގު ބޮޑު ރާއްޖެ އަކަށެވެ. ހެޔޮވެރިކަމެކޭ ބުނެވޭކަށް ޖާގައެއް ނެތްތާއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved