April 28, 2026
Advertisement
.
. / ތޭރަ އޮންލައިން

އެމްއޭސީއެލް އޮތީ ބާދަގަނޑަށް ވެފައި، މިއީ ހަމައެއް އުސޫލެއް ނެތް ތަނެއް: ޑރ. ޖަމީލް

Apr 27, 2026, 10:46 PM

އެމްއޭސީއެލް ގެ މުވައްޒަފުންގެ ތެރޭގައި 'ވޯކް ފްރޮމް ހޯމް' ނުވަތަ ގޭގައި ތިބެގެން މަސައްކަތްކުރާ މުވައްޒަފުން ތިބި ނަމަވެސް، އެއީ ކިހާ އަދަދެއްގެ ބައެއްކަން ސީދާ ވިދާޅުވާން ނޭނގޭ ކަމަށް އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވުމާ ގުޅިގެން، ޕީއެންއެފްގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ފާޑު ވިދާޅުވެއްްޖެއެވެ.

Advertisement

ޑރ. ޖަމީލް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ، އެމްއޭސީއެލްގައި ހަމައެއް އުސޫލެއް ނެތް ކަމަށާއި، ވަޒީފާ ދެނީ މަސައްކަތެއް ނުކުރުވައި ހަމައެކަނި މުސާރަ ދީގެން ބަޔަކު ގެންގުޅެންކަން މިހާރު ހާމަވެފައިވާ ކަމަށެވެ.

ކުންފުނީގެ ހިންގުމުގެ ނިޒާމަށް އިޝާރާތް ކުރައްވަމުން ޖަމީލް ވިދާޅުވީ، އެމްއޭސީއެލްގެ ތެރޭގައި ޖުޑިޝަލް ޑިޕާޓްމަންޓެއް ފަދައިން ކުރީގެ ގާޟީންނާއި މީޑިއާ ހިންގާނެ އެތައް ބަޔަކު ތިބި ނަމަވެސް، އެއާޕޯޓުގެ އަސާސީ ވަސީލަތްތައް ހުރީ ބާދަގަނޑަށް ވެފައި ކަމަށެވެ. އެގޮތުން ޓާމިނަލްގައި ހުރި ލިފްޓާއި، އެސްކަލޭޓަރުގެ އިތުރުން ލަގޭޖް ބެލްޓްތައް އަބަދު ހަލާކުވެފައި ހުންނަ މައްސަލަ އޭނާ ފާހަގަކުރެއްވިއެވެ. މުޅި ތަން ބޮއްސުންލާފައިވާ ކަމަށް ސިފަކުރައްވަމުން، ކުންފުނީގެ އިސްވެރިންނަށް ނިސްބަތްކޮށް ވިދާޅުވީ "ވެހޭތާ ފެން ނަގަމުން" ދާ ކަމަށާއި، ނަމަވެސް ވަގުތު ޖެހެމުންދާކަން ހަނދާން ބަހައްޓަން ޖެހޭނެ ކަމަށެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި ސިޔާސީ އޮއިވަރު ބަދަލުވެގެންދާއިރު މިހާރުގެ އިސްވެރިން ޖަވާބުދާރީވާން ޖެހޭނެ ކަމުގެ އިންޒާރުވެސް ޑރ. ޖަމީލް ވަނީ ދެއްވާފައެވެ. އޭނާ ވިދާޅުވީ ދެން އަންނަ ވެރިކަމެއްގައި "ދޫނިދޫ" ވެސް މިއަދު އެ ބޭފުޅުން ތިއްބެވި ފަދައިން ވަރަށް "ބިޒީ" ވާނެ ކަމަށެވެ. މި ފާޑުކިޔުންތައް އަމާޒުވެފައިވަނީ، ސަރުކާރު ހިއްސާވާ އެންމެ ބޮޑު އެއް ކުންފުނީގެ ހިންގުމުގެ ދެފުށް ފެންނަ މިންވަރާ މެދު އާންމުންގެ މެދުގައިވެސް ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved