
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް މެންބަރުކަމުގެ މަޤާމުން ހ. އާހަމަ، އިބްރާހިމް ޒިޔަތު ވަކިކޮށް، އެ މަގާމަށް, މޯލްޑިވްސް އެއާޕޯޓު ކޮމްޕެނީގެ ޑީއެމްޑީކަމުން އިސްތިއުފާދިން މ. ހަޒާރީވިލާ، މުޙައްމަދު ލަމްޢާން އައްޔަންކޮށްފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން މި ބަދަލު ގެނެސްފައިވަނީ ހުކުރު ދުވަހުން ފެށިގެން ކަމަށް އެ ބޯޑުން ހާމަކޮށްފައިވެއެވެ.
އެމްއޭސީއެލްގެ ޑީއެމްޑީގެ މަގާމުން ލައްމާން އިސްތިއުފާ ދެއްވީ އޭނާގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް އަމާޒުވެފައިވަނިކޮށެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އެމްއޭސީއެލްގެ ގުދަނުގައި ހުރި ކޭބަލްތަކެއް އަމިއްލަ ކުންފުނިތަކަށް ވިއްކުން ހިމެނެއެވެ.
އެމްޕީއެލް ބޯޑަށް ލަމްއާން އައްޔަން ކުރިއިރު މިއީ އޭނާ ކުރިން ހުރި މަގާމަށް ވުރެ ދަށް ފަންތިއެއްގެ މަގާމެއްކަން ފާހަގަކޮށްލެވެއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރު ކުންފުނިތަކަށް ބައެއް ބަދަލުތައް މި ފަހުން ވަނީ ގެނެސްފައެވެ.
އެ ގޮތުން، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ)ގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުގެ މަގާމަށް، ޕީސީބީގެ ރައީސްކަން ކުރެއްވި މުޙައްމަދު އަނަސް އިއްޔެ ވަނީ އައްޔަންކޮށްފައެވެ. އަދި، ޕީސީބީގެ ރައީސްކަމަށް ވިޔަފާރިއާއި އިދާރާތައް ހިންގުމުގެ ތަޖުރިބާކާރެއް ކަމަށްވާ މުޙައްމަދު ނިޒާރު ވަނީ އަލުން އައްޔަންކުރައްވާފައެވެ.
އޭގެ އިތުރުން ވެސް ޚަރަދު ކުޑަކުރަން ކަމަށް ބުނެ ކުންފުނިތަކުގެ ހިންގުމަށް ގިނަ ބަދަލުތަކެއް ގެންނާނެކަން ސަރުކާރުން ވަނީ އިއުލާނުކޮށްފައެވެ. ނަމަވެސް މިފަދަ ފިޔަވަޅުތަކެއް އަޅަމުން ގެންދަނީ ލޯކަލް ކައުންސިލް އިންތިހާބާ އަދި ރެފަރަންޑަމް ވޯޓުގައިވެސް ސަރުކާރަށް ލިބުނު ނާކާމިޔާބީއާ އެކު ބަދަލު ހިފުމުގެ ގޮތުން ކަމަށް ގިނަަ ބަޔަކު ބުނެއެވެ.










