

ސިޔާސީ މަގާމްތަކަށް މީހުން އައްޔަންކުރުން ނިމުނީ ކަމަށް ވިދާޅުވެ،އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރަކު ރައީސް ޑރ މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.
މަގާމަށް އައްޔަންކޮށްފައިވަނީ ތައުލީމީ ދާއިރާގައި ގިނަ އަހަރުތަކެއްވަންދެން މަސައްކަތްކޮށްފައިވާ ފަރާތެއްކަމަށް ޗެނަލް 13 އަށް ވަނީ ކަށަވަރުވެފައެވެ.
އޭނާ އެ މަގާމަށް އައްޔަންކޮށްފައި ވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
އޭނާ އެ މަގާމަށް އައްޔަންކޮށްފައިވާއިރު އެޑިއުކޭޝަން މިނިސްޓްރީއަށް އިތުރު ޑެޕިއުޓީ މިނިސްޓަރަކު ވެސް ވަނީ އައްޔަންކޮށްފައެވެ.
ޑެޕިއުޓީގެ މަގާމަށް އައްޔަންކޮށްފައިވަނީ ތައުލީމީ ދާއިރާގައި 10 އަށްވުރެ ގިނަ ދުވަސް ހޭދަކޮށްފައިވާ ފަރާތެއްކަމަށްވެސް މައުލޫމާތުވަނީ ލިބިފައެވެ.
އިތުރު ބޭފުޅަކު ސިޔާސީ މަގާމަށް އައްޔަންކޮށްފައިވާއިރު ސަރުކާރުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އިސްތިސްނާ ހާލަތްތައް ފިޔަވައި ސިޔާސީ އިސް މަގާމުތަކަށް މީހުން އިތުރަށް އައްޔަން ނުކުރައްވާނެ ކަމަށް ރިޔާސީ ބަޔާން އިއްވަމުން ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. ސަރުކާރަށް އައްޔަންކުރާ ސިޔާސީ މަގާމުތަކުގެ މައުލޫމާތުތައް ހާމަނުކުރާކަން ވަނީ ފާހަގަވެފައެވެ.