
ދިވެހިރާއްޖެއަށް ބިންހެލުންތަކެއް އަންނަން އުޅޭ ކަމަށް ބުނެ ފަތުރަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ މެޓު އޮފީހުން ހާމަކޮށްފިއެވެ.
ސްޓޭޓް އޮފް މޯލްޑިވްސް ކިޔާ ޕޭޖަކުން، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެ ހިމެނޭ ސަރަހައްދަށް 5.2 މެގްނިޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެދާނެ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތަކަށް އިޝާރާތްކުރައްވާ މެޓު އޮފީހުން ވަނީ އެކަމާ ގުޅުން ހުރި މައުލޫމާޓުތަކެއް އާންމުކޮށްފައެވެ.
މެޓުން ހާމަކޮށްފައިވާ ގޮތުގައި، ދިގު މުއްދަތަކަށް ބަލާއިރު، ބިންހެލުންތައް އައުން ގާތް ސަރަހައްދުތައް ސައިންވެރިންނަށް ކަނޑައެޅިދާނެ ކަމަށެވެ. ނަމަވެސް ސައިންޓިފިކް ގޮތުން ބިންހެލުންތައް ދުރާލާ ދެނެގަނެވޭނެ ގޮތެއް މިހާތަނަށް ހޯދިފައިނުވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
އެހެންކަމުން މިހާރު ކުރިއަށް އޮތް ބިންހެލުންތައް ލަފާކުރެވޭ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ޕޯސްޓުތަކާއި މެސެޖުތައް ދައުރުވަމުން ދިޔަނަމަވެސް އެއީ ދޮގު ވާހަކަތަކެއް ކަމަށް ވެސް ވަނީ ހާމަކޮށްފައެވެ.
ބިންހެލުންތަކުގެ މައުލޫމާތުތައް މެދުނުކެނޑި ބަަލަމުން އަންނަ ކަމަށާއި، ރާއްޖެއަށް އަސަރުކޮށްފާނެ ބިންހެލުމެއް އަތުވެއްޖެނަމަ، ލަސްނުކޮށް އެ މައުލޫމާތެއް ހިއްސާކުރާނެކަމަށް ވެސް މެޓުން ވަނީ ބުނެފައެވެ.










