
އައިސްޕްލާންޓްތައް ހިންގޭ ވަރަށް ތެޔޮ ނުލިބި، އައިސްވެސް ނުލިބޭތީ ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންް (ބިކޭއެމްޔޫ)އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.
މަސްވެރިކަމާއި އެންވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި، މިފްކޯގެ އައިސް ޕްލާންޓްތަކުން އައިސް ލިބުން ދަތިވެފައިވާ ކަމަށް ބީކޭއެމްޔޫއިން ހާމަކޮށްފައިވަނީ އެކްސްގައި ނެރުނު ބަޔާނެއްއެވެ. އެ ބަޔާނުގައި ގައި އެ ޖަމްއިއްޔާއިން ވަނީ، މިފްކޯގެ އައިސް ޕްލާންޓްތަކުން ދުވާލަކަށް ދޯންޏަކަށް ވިއްކާ އައިސްގެ މިންވަރު ދެ ޓަނަށް ލިމިޓްކޮށްފައިވާތީ ކަންބޮޑުވުން ފާލުކޮށްފައެވެ.
އެގޮތުން އެފަދައިން ލިމިޓުކުރުމަކީ މަސްވެރިންނަށް މަހަށް ފުރަން އޮތް ބޮޑު ހުރަހެއް ކަމަށާ ކަންނެލި މަސްވެރިކަމުގެ ބާވަތުން ދެ ޓަނު އައިސްއަކީ ދުވާލެއްގެ މައްޗަށް އެކަށީގެންވާ މިންވަރެއް ނޫންކަމަށް ވެސް އެ ޖަމްޢިއްޔާއިން ބުނެފައި ވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި އައިސް ޕްލާންޓްތައް ހިންގުމަށް ބޭނުންވާ ތެޔޮ ނުލިބުމުގެ ސަބަބުން ބައެއް ޕްލާންޓްތަކުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް ޔޫނިއަނުން ބުންޏެވެ. އަދި އެހެނިހެން ސަބަބުތަކާހުރެ ވެސް، ކަންނެލި މަސްވެރިންނަށް އެ ޚިދުމަތް ނުލިބުމަކީ މި ޔޫނިއަންގެ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަކޮށްފައިވެސް ވެއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަތިކަމެއް ނެތި އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދެއްކަން ފާހަގަކުރަމުން، އެ ވަޢުދާ އެއްގޮތަށް ލަސްކުރުމެއް ނެތި އައިސް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުމަށް ޔޫނިއަނުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.
މަސްވެރިކަން ދަށްވެފައިވާ މި ދަނޑިވަޅުގައި މިފަދަ ދަތިތައް ކުރިމަތިވުމަކީ މަސްވެރިންގެ އާމްދަނީއަށް އިންތިހާއަށް އަސަރުކުރާނެ ކަމެއް ކަމަށްވެސް އެ ޖަމްޢިއްޔާއިން ބުނެއެވެ.




