July 11, 2026
Advertisement
-
-

ވެންސްގެ ފާޑުކިޔުންތަކަށް އީރާނުގެ ޚާރިޖީ ވަޒީރު ވަރުގަދަ ރައްދެއް ދެއްވައިފި

Aiminath Sarah
އައިމިނަތް ސާރާ
Jul 9, 2026, 02:16 PM
މާލެ ސިޓީ

އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވެންސް ދެއްކެވި ވާހަކަފުޅުތަކަކަށް، އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރާގްޗީ ވަރުގަދަ ރައްދެއް ދެއްވައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ މެދުއިރުމަތީގެ މަސްރަހު ނުހަނު ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގައެވެ.

Advertisement

ޖޭޑީ ވެންސް ކުރެއްވި ތުހުމަތުތަކުގައި ވިދާޅުވީ، ކަނޑުގެ މަގުން ދަތުރުކުރާ ބޯޓުތަކަށް ހަމަލާދިނުން ހުއްޓާލުމަށާއި ބްލޮކޭޑް އުވާލުމަށް އީރާނުން ވައުދުވި ކަމަށެވެ. ނަމަވެސް، އެ ވައުދާ ހިލާފަށް ހަފްތާއެއްގެ ތެރޭގައި އަނެއްކާވެސް ބޯޓުތަކަށް ހަމަލާދޭން ފަށާފައިވާ ކަމަށް ވެންސް ވިދާޅުވިއެވެ.

ވެންސްގެ މި ވާހަކަތަކަށް ރައްދު ދެއްވަމުން އީރާނުގެ ޚާރިޖީ ވަޒީރު އަރާގްޗީ ވަނީ އެމެރިކާގެ ފަރާތުން ފެންނަނީ ނިފާޤުކަން ނުވަތަ ދެފުށްކެހެރި ސިޔާސަތެއްކަން ހާމަކުރައްވާފައެވެ. އަރާގްޗީ ވިދާޅުވީ، ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލުމަށް އެމެރިކާ އާއި އިސްރާއީލުން ވައުދުވި ކަމަށެވެ. ނަމަވެސް އެ އެއްބަސްވުމަށް 5 މިނެޓްވެސް ނުވަނީސް އަނެއްކާވެސް ބަޑިޖަހައި ހަމަލާދޭން ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ސިޔާސީ މުހައްލިލުން ސިފަކުރާ ގޮތުގައި، އަރާގްޗީ މިވަނީ ވެންސް ދެއްކެވި ވާހަކަފުޅުތަކުގެ ބޭނުން ހިއްޕަވައި، ހުޅަނގުގެ ގައުމުތަކުން އަމަލުކުރަމުންދާ ގޮތް ވަރަށް ހުޝިޔާރުކަމާއެކު ދުނިޔެއަށް ފަޅާއަރުވާލާފައެވެ. މީގެ ސަބަބުން ބައިނަލްއަގުވާމީ މަސްރަހުގައި އެމެރިކާގެ އިތުބާރާ މެދު ވަނީ ސުވާލު އުފެދިފައެވެ.

މި މައްސަލައިގައި ދެ ގައުމުގެ ދެމެދުގައި ބަހުގެ ހަމަލާތައް ބަދަލުކުރެވެމުންދާއިރު، އިސްރާއީލުން ފަލަސްތީނާއި ލުބުނާނަށް ދެމުންދާ ލާއިންސާނީ ހަމަލާތައް އަދިވެސް ދަނީ މެދުކެނޑުމެއްނެތި ކުރިއަށެވެ. މިކަމުގެ ސަބަބުން މުޅި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ވަނީ ބޮޑު ނުރައްކަލެއްގެ ތެރޭގައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved