July 11, 2026
Advertisement
-
-

އެލްޖީބީޓީކިޔޫ ކްރޫޒްއަކަށް ތުރުކީއާއި މިސްރުންވެސް ފުރުސަތު ނުދީ ބޭރުކޮށްލައިފި

Aiminath Sarah
އައިމިނަތް ސާރާ
Jul 11, 2026, 06:17 PM
މާލެ ސިޓީ

ގާތްގަނޑަކަށް 2،000 އެލްޖީބީޓީކިޔޫ+ ފަސިންޖަރުންނާއެކު ދަތުރުކުރި މެޑިޓެރޭނިއަން ކްރޫޒް ލައިނަރަކަށް، އިސްލާމީ ދެ ގައުމު ކަމަށްވާ ތުރުކީއާއި މިސްރުންވެސް ހުއްދަ ނުދިނުމުން ދަތުރުގެ މިސްރާބު ބަދަލުކުރަން ޖެހިއްޖެއެވެ.

Advertisement

ވާޖިން ވޮޔޭޖްސް އިން އޮޕަރޭޓްކޮށް، އެޓްލާންޓިސް އިވެންޓްސް އިން ޗާޓަރުކޮށްފައިވާ "ސްކާލެޓް ލޭޑީ" ނަމަކަށް ކިޔާ މި އުޅަނދު އެތެންސް އިން ވެނިސް އަށް ކުރާ 10 ދުވަހުގެ މި ދަތުރުގައި ފުރަތަމަ މަޑުކުރަން އޮތީ ތުރުކީގެ ކުޝާޑާސީ އާއި އިސްތަންބޫލަށެވެ. ނަމަވެސް ތުރުކީގެ ކަމާބެހޭ ފަރާތްތަކުން ވަނީ އެ ޖަމާއަތުގެ ހަރަކާތްތައް އެ ގައުމުގެ އިޖުތިމާއީ އަދި އަޚްލާގީ މިންގަނޑާއި ހިލާފުވާ ކަމަށް ބުނެ، ބޯޓު ބަނދަރުކުރުން ހުއްޓުވާފައެވެ.

ތުރުކީން ހުއްދަ ނުދިނުމާ ގުޅިގެން، ބޯޓުގެ މިސްރާބު މިސްރުގެ އިސްކަންދަރިއްޔާއަށް ބަދަލުކުރި ނަމަވެސް، މިސްރުގެ ކަނޑުގެ ސަރަހައްދަށް ވަނުމުގެ އެއް ގަޑިއިރު ކުރިން އެ ގައުމުން ވެސް ވަނީ ހުއްދަ ދިނުމަށް އިންކާރުކޮށްފައެވެ. މިސްރުން މި ނިންމުން ނިންމި ވަކި ސަބަބެއް ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް، މިއީ އެ ގައުމުގެ ސަގާފީ އަދި ދީނީ އަގުތަކާ ގުޅުންހުރި ނިންމުމެއް ކަމަށް ބެލެވެއެވެ.

މި ހާދިސާއާ ގުޅިގެން އެޓްލާންޓިސް އިވެންޓްސްގެ ސީއީއޯ ރިޗް ކެމްޕެލް ހައިރާންކަން ފާޅުކޮށްފައިވާއިރު، މިހާރު އެ ކްރޫޒް ވަނީ ގްރީސް އާއި މޮންޓެނީގްރޯގެ ބައެއް ބަނދަރުތަކަށް މިސްރާބު ބަދަލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ބަހުސެއް އުފެދިފައިވާއިރު، ގިނަ ބަޔަކު ބުނަމުންދަނީ ކޮންމެ ގައުމަކަށްމެ އެ ގައުމެއްގެ އަމިއްލަ އިސްތިގުލާލާއި، ސަގާފީ އަދި އިޖުތިމާއީ އަގުތައް ދަމަހައްޓައި، ގައުމަށް އެތެރެވާ ފަރާތްތައް ކޮންޓްރޯލް ކުރުމުގެ ފުރިހަމަ ހައްގު އޮންނާނެ ކަމަށެވެ. 

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved