July 11, 2026
Advertisement
-
-

އިންޑިއާއަކީ އަމިއްލަ ގައުމު ފަދަ ތަނެއް، ދެ ގައުމުގެ ރައްޔިތުންގެ ހިއްސާކުރަނީ "އެއް ޑީއެންއޭ" އެއް: ތާލިބާނުން

Aiminath Sarah
އައިމިނަތް ސާރާ
Jul 11, 2026, 12:31 PM
މާލެ ސިޓީ

އަފްޣާނިސްތާނުގެ ތާލިބާން ސަރުކާރުގެ އެގްރިކަލްޗާ މިނިސްޓަރު މައުލާވީ އައްތައުالله އޮމާރީ، އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ ގައުމާއި އަފްޣާނިސްތާނާ ދެމެދު އޮތް ގާތް ގުޅުމަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފިއެވެ.

Advertisement

އިންޑިއާގެ ނިއުދިއްލީގައި ބޭއްވި ޓްރޭޑް އެންޑް އިންޑަސްޓްރީ އިވެންޓެއްގައި ވާހަކަ ދައްކަވަމުން އޮމާރީ ވިދާޅުވީ، އިންޑިއާގައި ހުންނެވިއިރު އިހުސާސް ކުރެވެނީ އަމިއްލަ ގައުމުގައި، އަމިއްލަ ރައްޔިތުންގެ ތެރޭގައި ހުރެވޭ ފަދަ ގޮތަކަށް ކަމަށެވެ. އަދި އަފްޣާނިސްތާނާއި އިންޑިއާގެ ރައްޔިތުންނަކީ "އެއް ޑީއެންއޭ" އެއް ހިއްސާކުރާ ބައެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ. މިއީ ތާލިބާނުންގެ ވެރިކަމުގައި އިންޑިއާއާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވަމުންދާކަން ހާމަކޮށްދޭ ކަމެކެވެ.

މިނިސްޓަރުގެ މި ދަތުރުފުޅުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރައްވާފައިވަނީ ދަނޑުވެރިކަމުގެ ޓެކްނޮލޮޖީއާއި، އިމްޕޯޓް-އެކްސްޕޯޓް އަދި ވިޔަފާރީގެ ދާއިރާއިން އެއްބާރުލުން ފުޅާކުރުމާ ގުޅޭގޮތުންނެވެ. މީގެ އިތުރުން އަފްޣާނިސްތާނުގެ އިގްތިސާދު ހަރުދަނާ ކުރުމަށްޓަކައި ކުރިއަށް ގެންދެވިދާނެ ތަރައްގީގެ މަޝްރޫއުތަކާ ބެހޭގޮތުން ދެ ގައުމުގެ އޮފިޝަލުން ވަނީ ބައްދަލުކުރައްވާފައެވެ.

އިންޑިއާއާއެކު އޮތް ގުޅުން ބަދަހިވަމުންދާކަން ތާލިބާނުން ހާމަކުރިއިރު، އަފްޣާނިސްތާނާއި ޕާކިސްތާނާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ހީނަރުވެފައެވެ. ޕާކިސްތާނުން ތުހުމަތު ކުރާ ގޮތުގައި އަފްޣާނިސްތާނުން ދަނީ އެ ގައުމުގެ ސަރަހައްދުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާއަތްތަކަށް ހިމާޔަތް ދެމުންނެވެ. ނަމަވެސް ކާބުލް އިން މި ތުހުމަތުތައް ދޮގުކުރެއެވެ.

ހަމައެއާއެކު، އިންޑިއާއިން ބަލޫޗިސްތާނުގެ ވަކިވެގަތުމަށް މަސައްކަތްކުރާ ހަނގުރާމަވެރިންނަށް އެހީތެރިވާ ކަމަށް ބުނެ ޕާކިސްތާނުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އިންޑިއާ އާއި އަފްޣާނިސްތާނުން ގުޅިގެން ޕާކިސްތާނަށް ހަމަލާދޭ ކަމަށް ކުރާ ތުހުމަތުތަކަށް އެއްވެސް ހެއްކެއް މިހާތަނަށް ފެންނަން ނެތް ނަމަވެސް، މިނިސްޓަރު އޮމާރީގެ ބަޔާނާއެކު ޕާކިސްތާނުގެ ކަންބޮޑުވުންތައް އިތުރަށް ބޮޑުވާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved