July 11, 2026
Advertisement
-
-

ސްވިޒަލޭންޑުގައި މޫނު އެޅުން މަނާކޮށްފި: ޚިލާފުވާ މީހުން ބޮޑު އަދަދަކުން ޖޫރިމަނާ ކުރަނީ

Aiminath Sarah
އައިމިނަތް ސާރާ
Jul 11, 2026, 11:57 AM
މާލެ ސިޓީ

ސްވިޒަލޭންޑުގެ އާންމު ތަންތަނުގައި މޫނު ނިވާކުރުން މަނާކުރާ ގާނޫނަށް އަމަލުކުރަން ފަށައިފިއެވެ. މި ގާނޫނުގެ ދަށުން އާންމު ތަންތަނުގައި ބުރުގާ އާއި ނިގާބު ފަދަ ހެދުންތައް ބޭނުންކޮށްގެން މޫނު ނިވާކުރުމަކީ މިހާރު ކުށެކެވެ.

Advertisement

މި ގާނޫނާ ޚިލާފުވާ ފަރާތްތައް 1,000 ސްވިސް ފްރާންކް (ގާތްގަނޑަކަށް 1,140 އެމެރިކާ ޑޮލަރު) އާ ހަމައަށް ޖޫރިމަނާ ކުރެވޭނެ ކަމަށް އެ ގައުމުގެ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. މި ނިންމުމަކީ 2021 ވަނަ އަހަރު ނެގުނު ގައުމީ ފެންވަރުގެ ރިފަރެންޑަމްއެއްގައި ވޯޓުލީ މީހުންގެ ކުޑަ އަޣުލަބިއްޔަތަކުން ފާސްކޮށްފައިވާ ނިންމުމެކެވެ.

އާ ގާނޫނުގެ ދަށުން މޫނު ނިވާކުރުން މަނާކުރި ނަމަވެސް، ބައެއް ޚާއްޞަ ހާލަތްތަކުގައި އިސްތިސްނާ ދީފައިވެއެވެ. އޭގެ ތެރޭގައި ސިއްހީ އަދި ސަލާމަތީ ސަބަބުތަކަށް މޫނު ނިވާކުރުމާއި، މޫސުމީ ހާލަތާއި، ފަންނުވެރިކަމުގެ ހަރަކާތްތަކާއި އަޅުކަންކުރާ ތަންތަން ހިމެނެއެވެ.

މި ގާނޫނަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި، މީގެ މައިގަނޑު މަގުސަދަކީ އާންމު ތަންތަނުގައި މީހުން ދެނެގަނެވޭނެ ގޮތް ހަދައި، ސަލާމަތީ ކަންކަން ވަރުގަދަކުރުމެވެ. ނަމަވެސް، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކާއި މުސްލިމް ޖަމާއަތްތަކުން ވަނީ މިކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ދީނީ މިނިވަންކަމާއި ފަރުދީ ހައްގުތަކަށް އަރައިގަތުމެކެވެ.

މި ނިންމުމާ އެކު، ޔޫރަޕްގެ ގައުމުތަކުގައި ދީނީ މިނިވަންކަމާއި އާންމު ސަލާމަތާ ގުޅޭގޮތުން ކުރެވެމުންދާ ބަހުސްތައް ވަނީ އަލުން ފެންމަތިވެފައެވެ. ސްވިޒަލޭންޑުގެ އިތުރުން ޔޫރަޕްގެ ބައެއް އެހެން ގައުމުތަކުގައި ވެސް މީގެ ކުރިން ވަނީ މޫނު ނިވާކުރުން މަނާކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved