
އިސްލާމީ އަޚްލާޤާއި އުސޫލުތަކާ ފުށުއަރާ ކަމަށް ބުނެ، ގާތްގަނޑަކަށް 2,000 އެލްޖީބީޓީކިޔޫ+ ފަސިންޖަރުންނާއެކު ދަތުރުކުރި ކްރޫޒް ޝިޕެއް ތުރުކީގެ ބަނދަރުތަކަށް ވަނުން އެގައުމުން މަނާކޮށްފިއެވެ.
ތުރުކީގެ ކަމާބެހޭ ފަރާތްތަކުން މި ނިންމުން ނިންމާފައިވަނީ "ސްކާލެޓް ލޭޑީ" ނަމަކަށް ކިޔާ މި ބޯޓު އެގައުމުގެ ކުޝާޑާސީ އާއި އިސްތަންބޫލްގެ ބަނދަރަށް ވަނުމަށް ތައްޔާރުވަމުން ދަނިކޮށެވެ. ތުރުކީ ސަރުކާރުން ހާމަކުރި ގޮތުގައި، މިފަދަ ދަތުރުތަކަކީ އެގައުމުގެ އިސްލާމީ ސަގާފަތާއި، އިޖުތިމާއީ އަގުތަކާއި، އާއިލީ ބަހީތަކާ މުޅިން ޚިލާފު ކަންކަމެވެ. އެހެންކަމުން، ގައުމުގެ އަޚްލާޤީ މިންގަނޑުތައް ހިމާޔަތްކުރުމަށްޓަކައި ބޯޓަށް ބަނދަރުކުރުމުގެ ހުއްދަ ނުދިނުމަށް ވަނީ ނިންމާފައެވެ.
މި ދަތުރު އިންތިޒާމުކުރި ފަރާތްތަކުން ބުނިގޮތުގައި، މިއީ އެ ކުންފުނީގެ 36 އަހަރުވީ ތާރީޚުގައި ފަސިންޖަރުންގެ އަމަލުތަކާއި އައިޑެންޓިޓީއަށް ބަލައި ގައުމަކުން ބޯޓު ބޭރުކޮށްލި ފުރަތަމަ ފަހަރެވެ. ބޯޓުގައި ހުރި ބްރޯޑްވޭގެ ތަރި ޕެޓީ ލުޕޯން ވަނީ ތުރުކީގެ މި ނިންމުމަށް ވަރަށް ބޮޑަށް ފާޑުކިޔައި، އެކަމާ ނުރުހުން ފާޅުކޮށްފައެވެ.
ތުރުކީން ހުއްދަ ނުދިނުމުން، ދަތުރުގެ މިސްރާބު މިސްރާ ދިމާލަށް އަނބުރާލި ނަމަވެސް، އިސްލާމީ އަގުތައް ހިމާޔަތްކުރުމުގެ ގޮތުން މިސްރުންވެސް ވަނީ އެ ބޯޓު އެގައުމުގެ ސަރަހައްދަށް ވަނުމަށް އިންކާރުކޮށްފައެވެ. މިއާއެކު ދަތުރުގެ ރޭވުންތަކަށް ބޮޑެތި ބުރޫތަކެއް އަރައި، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން މިކަމަށް ވަނީ ހުއްޓިފައެވެ.
މި ހާދިސާއާ ގުޅިގެން ގިނަ ބަޔަކު ބުނަމުންދަނީ، ގައުމެއްގެ ދީނީ އަގީދާއާއި އަޚްލާޤީ މިންގަނޑުތައް ދެމެހެއްޓުމަކީ އެ ގައުމެއްގެ އަމިއްލަ އިޚްތިޔާރުގައިވާ ކަމެއް ކަމަށާއި، ބޭރުގެ ނުފޫޒުތަކަށްވުރެ ގައުމީ އަގުތައް އިސްކުރަންޖެހޭނެ ކަމަށެވެ. ތުރުކީއާއި މިސްރުގެ މި ނިންމުމަށް ގިނަ މުސްލިމުން ދަނީ ތާއީދުކުރަމުންނެވެ.










