
އިންޑިއާގެ ބިހާރު ސްޓޭޓުގައި މުސްލިމް އަންހެނަކަށް ހިންދުވާތާ ގްރޫޕްގެ ބަޔަކު މަޖުބޫރުކޮށް، އޭނާގެ ނިޤާބު (މޫނުބުރުގާ) ނެގުވުމަށްފަހު ނިތްކުރީގައި ސިންދުރު ޖަހާ މަންޒަރު ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދައުރުވާން ފެށުމުން ގިނަ ބައެއްގެ ނުރުހުމާއި ކަންބޮޑުވުން އަމާޒުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، އެ އަންހެން މީހާ ވަށާލައިގެން ތިބި މީހުން އެ އަމަލު ނުކުރުމަށް އެދި އޭނާ ތަކުރާރުކޮށް އާދޭސް ކުރަމުން ދިޔައެވެ. ނަމަވެސް، އެމީހުން އޭނާގެ އާދޭހަށް ބެލުމެއް ނެތި، މަޖުބޫރުން އޭނާގެ މޫނުބުރުގާ ކަޝްފުކޮށް ހިންދޫންގެ ދީނީ ނިޝާނެއް ކަމަށްވާ ސިންދުރު ވަނީ ޖަހާފައެވެ.
މި ހާދިސާއާ ގުޅިގެން އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން އަދި ރަސްމީ ބަޔާނެއް ނެރެފައި ނުވާއިރު، މި އަމަލު ހިންގި ފަރާތްތައް ހޯދައި އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ގިނަ ބަޔަކު ދަނީ ގޮވާލަމުންނެވެ.
މި ހާދިސާގެ ސަބަބުން އިންޑިއާގައި ދީނީ ހަރުކަށިކަން އިތުރުވެ، މުސްލިމުންނާއި އެހެނިހެން މައިނޯރިޓީ ގްރޫޕްތަކަށް އޮތް ނުރައްކަލާ މެދު އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކޮށްފައެވެ. އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ އިހާނާތްތެރި އަމަލުތައް ފަހަކަށް އައިސް އިތުރުވަމުންދާކަން ފާހަގަކުރަމުން، ހައްގުތަކަށް ވަކާލާތުކުރާ ފަރާތްތަކުން ބުނަނީ ކޮންމެ މީހަކަށްމެ އެމީހެއްގެ ދީނީ މިނިވަންކަން އޮންނަންޖެހޭނެ ކަމަށާއި، މިފަދަ ޖަރީމާ ހިންގާ މީހުން ޒިންމާދާރުކުރުވަން ޖެހޭނެ ކަމަށެވެ.
މި މައްސަލައިގައި ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ވައިރަލްވަމުންދާއިރު ގިނަ ބަޔަކު ދަނީ އެ އަންހެން މީހާގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށާއި، ގައުމުގެ ގާނޫނީ ވެރިކަން ދެމެހެއްޓުމަށް އިންޑިއާގެ ސަރުކާރަށް އިލްތިމާސްކުރަމުންނެވެ.










