ގައުމުގެ މާލީ ހާލަތު ދަށްވެ މަޝްރޫއުތައް ވެސް ހުއްޓާލާފައިވަނިކޮށް، ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް އިތުރު އެލަވަންސެއް ދޭން ނިންމައިފިއެވެ.
އެގޮތުން ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ހައި ރިސްކް ކުންފުނިތަކުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބި ކުންފުނިތަކުގައި މިހާރަށްވުރެ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކް އެލަވަންސް ތައާރަފް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދަވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވިދާޅުވެފައެވެ.
"ރައީސްގެ ޖަވާބު" ޕްރޮގްރާމްގެ ސެގްމަންޓެއްގައި މާލެ ސިޓީ، މއ.ސްނޯލައިޓް، އާމިނަތު ނަތާޝާ ކުރި ސުވާލެއްގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ ކުންފުނިތަކުގެ މަސައްކަތުގައި ރިސްކް ހިމެނިފައިވާނަމަ އެ ކުންފުންޏެއްގެ ކޯޕަރޭޓް ސިޔާސަތުގެ ތެރެއިން އެކަން ހަމަޖެހިގެން ދާން ޖެހޭނެ ކަމަށެވެ.
އެގޮތުން މިސާލެއްގެ ގޮތުގައި އެމްޓީސީސީ ނަންގަވަމުން ރައީސް މުއިއްޒު ވިދާޅުވީ، އެއްވެސް އައުޓްޑޯ މަސައްކަތެއް ނުވަތަ އެކަހަލަ ރިސްކީ ތަނެއްގައި މަސައްކަތް ނުކުރާ ކަހަލަ ކުންފުންޏެއްގެ މުވައްޒަފުންނާ އެމްޓީސީސީ ކުންފުނީގެ ބަނދަރު ހެދުން ފަދަ މަސައްކަތް ތަކުގައި އުޅުއްވާ ފަރާތްތައް ތަފާތުވާނެކަމަށެވެ. އެގޮތުން އެކަހަލަ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރިސްކް އެލަވަންސްގެ ކަންތައްތައް ގިނަ ބަޔަކު ޝާމިލްވާ ގޮތަށް ތައާރަފްކުރައްވާނެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެން ބަލާނަން ކުރިއަށް އޮތް ތަނުގައި މިހާރަށް ވުރެން ރަނގަޅަށް ވީހާވެސް ގިނަ ފަރާތްތަކަކަށް ހައިރިސްކް އެންވައިރަމެންޓް އެއްގައި މަސައްކަތް ކުރައްވާ މުއްއްޒަފުން އުޅޭ ކުންފުނިތަކުގައި މިހާރަށް ވުރެން މާ ޝާމިލްކަން ބޮޑު ގޮތެއްގައި ރިސްކް އެލަވަންސް ތައާރަފް ކުރުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް." ރައީސް ވިދާޅުވިއެވެ.
ރިސްކު އެލަވަންސެއް ދޭން ވިސްނާ އެކަންކަން ފުރިހަމަ ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވާ މި ދަނޑިވަޅަކީ، ދައުލަތުގެ މާލީ ހާލަތު ވަރަށް ދަށަށް ގޮސް ގައުމުގެ ތަރައްގީގެ އެތައް މަޝްރޫއެއް ހުއްޓާލާފައިވާ ކަމަށް މާލީ ވަޒީރު ވިދާޅުވެފައިވާ ދަނޑިވަޅެއްކަން ފާހަގަކޮށްލެވެއެވެ.