ކޯޓުން ނިކުމެވަޑައިގެން ޝާހު މީޑިޔާއާ ވާހަކަ ދައްކަވަނީ. ފޮޓޯ: ޗެނަލް13 / ތޭރަ އޮންލައިން
ސިޔާސީ
ރައީސް ޔާމީންގެ މައްސަލައިގައި ކޯޓުން ދެނީ ކޮމްޕިއުޓަރު ޖަވާބެއް، ބަލައިނުގަނެވޭނެ: ވަކީލު ޝާހު
Mariyam Isaadha
މަރިޔަމް އިސާދާ
13 ޖެނުއަރީ 2024
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި ކޯޓުން ދެނީ ކޮމްޕިއުޓަރު ޖަވާބެއްކަމަށާ އެއީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނުގެ ލީގަލް ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަލްއުސްތާޛު އަލީ ޝާހު ވިދާޅުވެއްޖެއެވެ.

ޝާހު މިފަދައިން ވިދާޅުވީ، ވ. އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފް މައްސަލައިގެ ހުކުމް އިއްވުން ލަސްވާ މައްސަލައިގެ ކަންބޮޑުވުންތަކާ އެކު ހައިކޯޓަށް ވަޑައިގެންނެވުމަށް ފަހު އެމަނިކުފާނުގެ އާއިލާގެ ފަރާތުންނާ އަދި އެމަނިކުފާނު އަލަށް އުފައްދަވަން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ޕާޓީގެ އިސްކޮށް ހަރަކާތްތެރިވާ ބޭފުޅުން ދެއްވި އިންޓަރވިއުގައެވެ.

ރައީސް ޔާމީންއަކި އާދައިގެ ބޭފުޅެއް ނޫން ކަމަށާ އެމަނިކުފާނަކީ ގައުމުގައި ރައީސްކަން ކުރައްވާފައި ހުންނެވި އިއްޒަތްތެރިއަކަށްވާއިރު އެމަނިކުފާނުގެ މައްސަލައެއް ލަސްވެ އިންސާފު ލިބުން ލަސްވުމަކީ މުޅި ނިޒާމަށްވެސް ލިބޭ ހުތުރެއްކަން ފާހަގަކުރައްވާ ޝާހު ވިދާޅުވި، ރައީސް ޔާމީންގެ މައްސަލައިގައި ޖަވާބު ހޯދަން ހައިކޯޓަށް ދިއުމުން ލިބެނީ އެއް ޖަވާބެއް ކަމަށާ އެ ޖަވާބު އެއީ ބަލައިގަންނަން އުނދަގޫ ޖަވާބެއް ކަމަށް ޝާހު ވިދާޅުވިއެވެ.

މި ދައްކަނީ އާދައިގެ ބޭފުޅެއްގެ ވާހަކައެއް ނޫން. މި ދައްކަނީ ރާއްޖޭގެ ރައީސްކަން ކުރައްވާފައި ހުންނެވި ބޭފުޅެއްގެ ވާހަކަ. އެމަނިކުފާނުގެ މައްސަލައެއްގައި ރާއްޖޭގެ އެޕީލު ކޯޓުތަކުގެ ތެރެއިން ހައި ކޯޓަށް އައުމުން ދެނީ ކޮމްޕިއުޓަރ ޖަވާބު. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން

- ވަކީލު ޝާހު

ޝާހު އިތުރަށް ވިދާޅުވީ، ހައި ކޯޓުގައި އޮތް ޔާމީންގެ އިސްތިއުނާފް މައްސަލަ ހުކުމް ކުރުމާ ހަމައަށް ގޮސްފައި ވާއިރު، އެ މައްސަލާގެ ހުކުމް ކުރުން ލަސްވަނީ ކީއްވެކަމެއް ބުނެނުދެވުމަކީ ނުފޫޒު އޮތް މިންވަރު ހާމަވާ ކަމެއް ކަމަށެވެ.

ރައީސް ޔާމީންގެ ހުކުމުގެ އަޑު އެހުން ތާވަލްނުކޮށް ލަސްކުރަމުންދާއިރު މީގެ ކުރިން ވެސް އެކަން ސާފުކުރަން ހައި ކޯޓަށް ރައީސް ޔާމީންގެ ޓީމުން ގޮސްފައި ވެއެވެ. އެއިން ކޮންމެ ފަހަރަކު ވެސް ހައި ކޯޓުން ދޭ ޖަވަބަކީ ވީހާ ވެސް އަވަހަށް ހުކުމް ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. ނަމަވެސް ހުކުމާ ހަމައަށް ވާސިލްވެ 2 މަސް ދުވަސް ފައިތުވާން ކައިރިވެފައިވާއިރު ހުކުމުގެ މަޖިލިސް ތާވަލްނުކުރުމަކީ އެއީ ގާނޫނީ ގޮތުން ދެރަވަރު ކަމެއްގެ ގޮތުގައި ގާނޫނީ ފަންނުގެ ގިނަ ބޭފުޅުން ފާހަގަކުރައްވައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved