މަގޫދޫ ރައްޔިތުން މުޒާހަރާކުރަނީ / ރާއްޖެއެމްވީ
ސިޔާސީ
މަގޫދޫ ކައުންސިލުން، ރައީސަށް ފޮނުވި 4 ޞަފްހާގެ ސިޓީއަށް ޖަވާބެއް ނުދިން!
Aishath Naja
އައިޝަތު ނަޖާ
01 އޭޕްރީލު 2024
މާލެ ސިޓީ

މަގޫދޫ ކައުންސިލުން ކަންބޮޑުވުންފާޅުކޮށް ރައީސް ޑރ.މުހައްމަދު މުއިއްޒަށް ފޮނުއްވި 4 ޞަފްހާގެ ސިޓީ އަށް އަދިވެސް ޖަވާބު ނުދެއްވާކަމަށް އެ ކައުންސިލުން ބުނެފިއެވެ.

ޗެނަލް 13 އަށް މައުލޫމާތު ދެމުން މަގޫދޫ ކައުންސިލްގެ ރައީސް އަބްދުﷲ ވަހީދު ވިދާޅުވީ އެ ރަށުގައި އަޅަން ފަށާފައިވާ އެއާޕޯޓްގެ މަސައްކަތް ހުއްޓާލުމުން، ކަންބޮޑުވުން ފާޅުކޮށް އެ ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށް އެޑްރެސްކޮށް ސިޓީއެއް ފޮނުވާފައިވާނެކަމަށެވެ.

މީގެ ކުރިން އެރަށަށް ދިމާވެފައި ހުރި ކަންކަމާ، އެ ކަންކަމުގެ ސަބަބުން އެ ރަށުގެ ރައްޔިތުން ކުރި ހިތާމައިގެ ވާހަކަ ފާހަގަކޮށް 4 ޞަފްހާގެ ސިޓީއެއް ފޮނުވާފައިވާއިރު އަދިވެސް އެ ސިޓީއަށް ޖަވާބެއް ލިބިފައިނުވާކަމަށް ކައުންސިލްގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ސަރުކާރުން ހުއްޓާލައިފައިވަނީ އެ ރަށުގެ ކައުންސިލާވެސް އެއްވެސް ވަރަކަށް މަޝްވަރާކުރުމެއްނެތި ކަމަށާ އެހެންކަމުން އެ ރަށުގެ ހުރިހާ ފިކުރެއްގެ ރައްޔިތުން އަންނަނީ އިހްތިޖާޖް ކުރަމުން ކަމަށް ވެސް ކައުންސިލްގެ ރައީސް މައުލޫމާތުދިނެވެ.

މި އިހްތިޖާޖްތައް އިތުރަށް ވަރުގަދަ ކުރާނެ ކަމަށާ، މިހާރު މަސައްކަތް ކުރަމުން އަންނަނީ އެއާޕޯޓް ސަރަހައްދުގައި ރައްޔިތުންނަށް އިހްތިޖާޖް ކުރަން ތިބެވޭނެ ގޮތް އިންތިޒާމްކުރަމުން ކަމަށްވެސް މަގޫދޫ ކައުންސިލްގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މަގޫދޫ އެއާޕޯޓްގެ މަސައްކަތް ސަރުކާރުން ހުއްޓާލަފައި ވަނީ ރައީސްގެ ކޮއްކޯފުޅަށް ނިލަންދޫ ދާއިރާގެ ގޮނޑި ހޯދައި ދިނުމަށްޓަކައި ކަމަށްވެސް މަގޫދޫ ކައުންސިލް އިން ވަނީ ބުނެފައެވެ.

ސިޔާސީ ބޭނުމަކަށްޓަކައި އެއް ރަށެއްގެ ރައްޔިތުންނަށް ބޮޑު އުފަލެއް ދޭ އިރު އަނެއް ރަށުގެ ރައްޔިތުންނަށް ދެނީ ހިތާމަކަމަށްވެސް އެ ކައުންސިލްގެ ރައީސް އަބްދުﷲ ވިދާޅުވިއެވެ.

އޭގެއިތުރުން އޭނާ ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައިވެސް އެމަނިކުފާނު ނިންމެވީ ފ އަތޮޅުގައި އެއާޕޯޓް އަޅަންޏާ މަގޫދޫގައި އެޅުމަށެވެ. މިއަދު އެމަނިކުފާނުގެ ފޮޓޯ ދައްކައިގެން ވެރިކަމަށް އައި ބަޔަކު މިއުޅެނީ އެމަނިކުފާނާ ދެކޮޅުވެގެން ކަމަށެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved