ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ހުރަސް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުވި އެސްއޯ ފުލުހުންގެ ތެރޭގައި ހަރަކާތްތެރިވި ގިނަ އޮފިޝަލުން ތިބީ އެމީހުންގެ ހަށިގަނޑުގައި ހުރި ބޮޑީ ކެމް އޮން ނުކޮށްކަމަށް މައުލޫމާތު ލިބިއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހުގެ ރޭ ގިޔާސުއްދީން ސްކޫލުގައި ބޭއްވުމަށް ހަމަޖެހުނު ޕީއެންއެފްގެ ޖަލްސާއަށް އެޕާޓީގެ މެމްބަރުން ހާޒިރުވަމުން ދަނިކޮށް އެސްއޯ ފުލުހުން ފޮނުވައިގެން ރައީސް މުއިއްޒު ވަނީ ސްކޫލުގެ މައި ދޮރޯށި ބަންދުކޮށްފަ އެވެ. އޭރު ބައެއް މެމްބަރުން ވަނީ ހޯލުގެ ތެރެއަށް ވަދެފަ އެވެ. އެހެންނަމަވެސް ޖަލްސާއަށް ހުރަސްއެޅުމަށް ފުލުހުން ވަނީ އެސަރަހައްދަށް ދިޔަ ޕާޓީގެ މެމްބަރުންގެ ލޮލަށް ޕެޕަރ ސްޕްރޭ ޖަހައި ބޮޑު ހަމަނުޖެހުމެއް ހިންގައިފަ އެވެ.
ޣިޔާޘުއްދީން ސްކޫލު ކުރިމަތީގައި އެސްއޯ ފުލުހުން ހަރަކާތްތެރިވަމުން ދިޔައީ ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފަށެވެ. އަދި ފުލުހުންގެ ގާނޫނާއި ހިލާފަށް އެސަރަހައްދުގައި ތިބި އަންހެނުންގެ ގުނަވަންތަކުގައި ފިރިހެން ފުލުހުން ވަނީ އަތް ލައިފަ އެވެ.
ފުލުހުން އަމަލުކުރަނީ ގަވާއިދުންތޯ ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުގައި ވަނީ ފުލުހުންގެ ހިދުމަތަށް ބޮޑީ ކެމް ތައާރަފުކޮށްފަ އެވެ. އެއްވުންތަކާއި އިހުތިޖާޖުތައްފަދަ ފުލުހުންގެ އޮޕަރޭޝަންތަކުގައި ކެމެރާ ބޭނުންކުރަން ފުލުހުންގެ ގަވާއިދުގައި ފަހުން ވަނީ ހިމަނައިފަ އެވެ.
އެހެންނަމަވެސް އެރޭގެ އެއްވުމުގައި ހަރަކާތްތެރިވި ގިނަ ފުލުހުން ތިބީ ބޮޑީ ކެމް އޮން ނުކޮށްކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ޗެނަލް 13 ގެ ވީޑީއޯ ފުޓޭޖުތަކުންވެސް ފެންނަ ގޮތުގައި ފުލުހުންގެ ތެރެއިން ބަޔަކު ތިބީ ބޮޑީ ކެމް އޮފްކޮށްގެންނެވެ.
އާންމުގޮތެއްގައި ބޮޑީ ކެމް އޮން ނުކޮށް ފުލުހުންގެ އޮޕަރޭޝަންތައް ކުރިއަށް ގެންދަނީ އިޒްރާއީލުފަދަ ގައުމުތަކުގައި ފުލުހުންގެ ފަރާތުން ލާއިންސާނީ އަމަލުތަކެއް ހިންގުމުގެ ބޭނުމުގަ އެވެ. ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ހުރަސްއަޅަން ރައީސް މުއިއްޒު އަންގަވައިގެން ފުލުހުން ދިޔައީ ޑިމޮކްރަސީގެ އަސާސްތަކާއި ހިލާފަށްކަމުން ބެލެވޭ ގޮތުގައި ބޮޑީކެމް އޮން ނުކޮށް ފުލުހުން ހަރަކާތްތެރިވީވެސް ރައީސްގެ އެންގެވުމަށެވެ.
ޕީއެންއެފް ޖަލްސާއަށް ފުލުހުން ހުރަސްއެޅި މައްސަލަ ގޯސްވުމުން ރައީސް މުއިއްޒު ވަނީ އިތުރުފުޅު ހައްދަވައި ފުލުހުން ދިޔަކަން އެނގުނީވެސް މީޑީއާގައި ހަބަރު ޖެހުމުންކަމަށް ވިދާޅުވެފަ އެވެ. އެހެންނަމަވެސް އެދުވަހު އެސްއޯ ފުލުހުން ގިޔާސުއްދީން ސްކޫލު ސަރަހައްދަށް ދިޔައީ ސީދާ މުއިއްޒުގެ އަމުރަށް ހޯމް މިނިސްޓަރު އަލީ ޝުޖާއު އަންގަވައިގެންކަން ޗެނަލް 13 އަށް އިތުބާރު ހުރި މަސްދަރަކުން ވަނީ މައުލޫމާތު ލިބިފަ އެވެ.