ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމަށް ފަރާތެއް އައްޔަން ކުރައްވާނެ ދުވަހެއް އަދި ނޭނގޭކަމަށް ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޗެނަލް 13 އަށް މައުލޫމާތު ދެމުން ފިރުޒުލް ވިދާޅުވީ ސީދާ ދުވަހެއް އަދި ނޭނގޭ ކަމަށެވެ. ނަމަވެސް އުންމީދު ކުރަނީ އަވަސް މުއްދަތެއްގައި އައްޔަން ކުރައްވާނެކަމަށެވެ.
ރައީސް އޮފީހުގެ ޗީފް ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނެވި މުހައްމަދު ޝަހީބް އެމަގާމުން ވަކިކޮށްފައިވަނީ އައު އަހަރާ ދިމާކޮށްފައިކަން ފާހަގަކޮށްލެވެއެވެ.
ޝަހީބް އެ މަގާމަށް އައްޔަން ކުރެވުނީވެސް ސަރުކާރަށް މަހެއް ގާތްވެފައިވަނިކޮށެވެ. އަދި އޭގެފަހުން ޝަހީބްގެ ޖަވާބުތަށް ހުންނެވި ގޮތުން ނޫސްވެރިންގެ މަސައްކަތަކަށް ވަނީ ވަރަށް ބޮޑަށް ބުރޫއަރާފައެވެ.
ސަރުކާރުގެ ފަރާތުން ޖަވާބުދާރީ ވުމަށްޓަކައި ހުންނެވި ޝަހީބް ވަނީ ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދިނުމުގައި އުޒުރުވެރިވެފައެވެ. މައުލޫމާތު ލިބުންގޮތުގައި ޝަހީބު ސްޕޯކްސްޕާސަންގެ މަގާމުން ވަކިކޮށްފައިވަނީ މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއިން) ރައީސް ޑރ.މުހައްމަދު މުއިއްޒަށް ކަންބޮޑުވުންފާޅުކޮށް ފޮނުވި ސިޓީއަކާއި ގުޅިގެންނެވެ.
ޝަހީބްގެ މައްޗައް ވަނީ ސްޕޯކްސްޕާސަންގެ މަގާމުގައި ހުންނަވަނިކޮށް ވަރަށް ބައިވަރު ތުހުމަތުތަކެއްވެސް ކުރެވިފައެވެ، އެގޮތުން ޝަހީބް ރައީސް އޮފީހުގެ އަންހެން މުވައްޒަފުންނަށް މެސެޖް ކުރާކަމުގެ ވާހަކަތަކެއްވެސް ވަނީ ފެންމަތިވެގެން ގޮސްފައެވެ.
ސްޕޯކްސްޕާސަންގެ މަގާމުން ޝަހީބް ވަކިކުރުމަށްފަހު އޭނާ ވަނީ މިހާރު ހާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރެއްގެ ގޮތުގައި ހަމަޖައްސާފައެވެ.
މި ސަރުކާރަކީ ހާމަކަން ބޮޑު ސަރުކާރަކަށް ވާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ސަރުކާރުގެ ފަރާތުން ޖަވާބުދާރީ ވާނެ ފަރާތެއް އައްޔަން ނުކުރުމުން ދޭހަވަނީ ރައްޔިތުންނާ ހަމަޔަށް ސަރުކާރުގެ ކަންކަން ހާމަކުރަން ބޭނުންނުވާކަން ކަމަށްވެސް ގިނަ ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.