May 1, 2026
Advertisement
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު
ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު / ރައީސް އޮފިސް

ފެކްޓް ޗެކް: ފޯނު ވައްދަން ހުއްދަ ދިނީ ނޫސްވެރިން އިހުތިޖާޖް ކުރުމުން

Aishath Naja
އައިޝަތު ނަޖާ
Apr 29, 2024, 01:37 AM
މާލެ ސިޓީ

މިއަދު ރައީސް އޮފީހުގައި ކުރިޔަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމަށް ފޯނު ވެއްދުނީ ނޫސްވެރިން އިހުތިޖާޖް ކުރުމުންކަން ހާމަވެެއްޖެއެވެ.

Advertisement

ރައީސް އޮފީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަން ތާވަލުކުރީ މިއަދު ހެދުނު 11:00 ގައެވެ.

ފޯނު ވެއްދުން މަނާ ކަމަށް ރައީސް އޮފީހުން އެންގީ ނޫސްވެރިން އެ ބައްދަލުވުމަށް ދިއުމުންކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް، ކުރިން ރައީސް އޮފީހުން އެކަން ނޫސްވެރިންނަށް އަންގާފައިނުވާތީ ނޫސްވެރިން އެތަނުގައި އިހުތިޖާޖް ކުރަން ފެށުމުން މިއަދު ވަނީ ފޯނު ވެއްދުމުގެ ހުއްދަ ދީފަ އެވެ.

ތޭރަ އޮންލައިން އިން މި ޚަބަރު ޝާއިއު ކުރުމާއެކު ސަރުކާރު ވަނީ ޑިފެންސަށް ނިކުމެފައެވެ. އެގޮތުން މިއަދު ބޭއްވުނު ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިންގެ އަތުގައި ހުރި ފޯނުތަކުގައި ބޮޅު އަޅައި ސޯޝަލް މީޑިޔާގައި ދަނީ ދައުރުކުރަމުންނެވެ.

ފޯނު ނުވެއްދޭނެކަމަށް ރައީސް އޮފީހުން ނުބުނާކަމަށް ބުނެ ދޮގުތައް ދަނީ ހަދަމުންނެވެ.

އޭގެއިތުރުން ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހިމް ހަލީލު ވަނީ ތޭރަ އޮންލައިންގައި ޚަބަރު ލިޔުނު ނޫސްވެރިޔާއަށް ގުޅާ އެ ޚަބަރުގައި އޮތީ ގޯސް މައުލޫމާތެއް ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ޚަލީލު ވިދާޅުވި ގޮތުގައި މީގެ ކުރިންވެސް އޮންނަނީ ނޫސްވެރިންނަށް ފޯނު ނުވެއްދޭ ގޮތަށް ކަމަށާ އެގޮތުން ރައީސް އޮފީހަށް ފޯނަށް ވެއްދެނީ އެ އޮފީހުގެ މުވައްޒަފުންނަށާ އަދި ވަޒީރުންނަށް އެކަނި ކަމަށް ޚަލީލު ވިދާޅުވިއެވެ.

މީގެ އިތުރުން ޚަލީލު ވިދާޅުވީ ކުރިން އޮތް ގޮތް ބަދަލުކޮށް މި ސަރުކާރުން ނޫސްވެރިންނަށް ފޯނު ވެއްދުމަށް ޖާގަ ތަނަވަސްކޮށްދިނީ ކަމަށެވެ.

ނަމަވެސް ޚަލީލު އެ ހެއްދެވީ އިތުރުފުޅެއްކަން މީގެ ކުރިން އެކި ސަރުކާރުތަކުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން ތަކުން ފެންނަން އެބަ ހުއްޓެވެ.

އެގޮތުން ނިމި ދިޔަ ސަރުކާރުގައިވެސް އަދި މި ސަރުކާރުގައިވެސް މީގެ ކުރިން ބޭއްވި ހުރިހާ ނޫސްވެރިންގެ ބައްދަލުވުމަކަށް ނޫސްވެރިންނަށް ފޯނު ވެއްދުނެވެ.

ނަމަވެސް މިއަދު އެ އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފޯނު ނުވެއްދޭނެ ކަމަށް ކުއްލިއަކަށް އެންގި ނަމަވެސް ނޫސްވެރިން އެކަމާ ދެކޮޅު ހެދުމުން މިއަދު އެކަނި ފޯނު ވެއްދުމަށް ހުއްދަ ދިނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved