ރައީސް އަބްދުﷲ ޔާމީނަށް އިންސާފު ނުލިބި ފަޅި ސިކުންތެއް ހޭދަވިޔަސް އެއީ ގައުމަށް ލިބޭ އަނިޔާއެއްކަމަށް އެމަނިކުފާނު އަލަށް އުފައްދަވާ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރޮންޓުގައި އިސްކޮށް ހަރަކާތްތެރިވާ ޑރ. އަބްދުﷲ އިބްރާހިމު ވިދާޅުވެއްޖެއެވެ.
ޑރ. އަބްދުﷲ މިހެން ވިދާޅުވީ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ.
ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ ހައިކޯޓަށް ހުށަހަޅާއިވާ ވ. އާރަށުގެ ހުކުމުގެ އިސްތިއުނާފް މައްސަލައިގައި ހުކުމްކުރުން ލަސްކުރާތީ އެކަމުގެ ކަންބޮޑުވުން އެމަނިކުފާނުގެ އާއިޅާއާ އަދި ސަޕޯޓަރުންވެސް ގެންދަނީ ފާޅުކުރަމުންނެވެ.
އެގޮތުން ރައީސް ޔާމީންއަށް އިންސާފު ލިބުން ލަސްވަމުންދާ ދިއުމުގެ ކަންބޮޑުވުމާ އެކު ޑރ. އަބްދުﷲ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ގައުމީ ލޯތްބަކީ، ބަހާއި އަމަލުން ތިމާގެ ގައުމަށް ލޯބިކުރުމާއި އިހުތިރާމް ކުރުމުގެ އިތުރަށް އެއީ ގައުމުގެ ހުރިހާ އެއްޗެއްގެ އަގު ވަޒަންކޮށް އޭގެ އުފާވެރިކަން އެހެން މީހުންގެ މެދުގައި ފެތުރުމުން ލިބޭ އިހުސާސްއެއްކަން ދިވެހިންނަށް ކަށަވަރު ކޮށްދެއްވީ ރައީސް ޔާމީން ކަމަށެވެ. އެހެންކަމުން އެފަދަ ވެރިއަކަށް އިންސާފު ނުލިބި ލަސްވުމަކީ ކަންބޮޑުވާ ކަމެއްކަން ފާހަގަކުރައްވާ ޑރ. އަބްދުﷲ ވިދާޅުވީ ރާއީސް ޔާމީނަށް އިންސާފު ނުލިބި ދާ ކޮންމެ ފަޅި ސިކުންތަކީ މި ގައުމަށް ލިބޭ އަނިޔާއެއް ކަމަށެވެ. އަދި އެފަދަ ކަންކަން މި ގައުމުގައި ނިމުމަކަށް ގެންނަން ޖެހޭ ކަމަށް ޑރ. އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
ޑރ. އަބްދުﷲ މިފަދައިން ވިދާޅުވެފައިވާއިރު ރައީސް ޔާމީން، ވެރިކަމުގެ ފުރަތަމަ ދުވަހު މިނިވަންވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވިދާޅުވި ނަމަވެސް ވެރިކަމަށް 2 މަސް ދުވަސް ފުރި ތިން މަހާ ކައިރިވެފައިވާއިރު، މި ސަރުކާރު ފެށުނު އިރުވެސް ހުކުމާ ހަމައަށް ވާސިލްވެފައި އޮތް ރައީސް ޔާމީންގެ މައްސަލަ ނުނިންމާ ދަނީ ދިގު ދަންމަމުން ކަން ފާހަގަކޮށްލެވެއެވެ. ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި މިހާރު ރައީސް ޔާމީންގެ މައްސަލަ ނުނިންމާ ދިގު ދަންމަނީ އެމަނިކުފާނު އުފައްދަވާ އައު އިން ރައްޔިތުންގެ މަޖިލިސް އިންތިހާބަށް ނުކުމެ ބޮޑު ތާއީދާއެއް ހޯދާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.