ކުރިއަށް އޮތް ހަފްތާ ތެރޭގައި ރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިންޑިއާއަށް ދަތުރުފުޅެއް ކުރައްވަން ނިންމާފައިވާ ކަމަށް އިންޑިއާގެ މީޑިޔާތަކުގައި ރިޕޯޓުކޮށްފިއެވެ.
ޒަމީރުގެ މި ދަތުރުފުޅަކީ އިންޑިއާ އާ ރާއްޖެ އާ ދެމެދު މިހާރު ގުޅުން ހީނަރުވެފައި އޮތް އޮތުން ނިމުމަކަށް ގެނެސް ދެ ގައުމުގެ ގުޅުން އަލުން ބަދަހި ކުރުމުގެ މަޝްވަރާ ބައްދަލުވުންތަކަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށްވެސް އިންޑިއާ އިން ރިޕޯޓުކޮށްފައިވެއެވެ.
މި މަހުގެ މި މަހުގެ ނުވަ ވަނަ ދުވަހު، އަންނަ ބުރާސްފަތީގައި އިންޑިއާގެ ވެރިރަށް ނިއު ދިއްލީއަށް ޒަމީރު ވަޑައިގަންނަވަން ނިންމާފައިވާ ކަމަށް އިންޑިއާއިން ހާމަކޮށްފައިވާއިރު މި ތާރީޚު ދިމާ ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލާ ނިންމާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިން އިއުލާންކޮށްފައި އޮތް ތާރީޚުގެ އެއް ދުވަސް ކުރިއަށެވެ.
އެގޮތުން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އެއްްކޮށް ބާލާ މެއި 10 ކުރިން ނިންމާނެ ކަމަށް މި ސަރުކާރުން ހާމަކޮށްފައިވެއެވެ.
ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރުގެ މަޝްވަރާއިން ދެ ގައުމުގެ ގުޅުންތައް ހަރުދަނާ ކުރުމާއެކު ރާއްޖޭގައި އިންޑިއާއިން ހިންގާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިމެނޭ ގޮތަށް ގިނަ ކަންކަމުގައި ދެ ފަރާތުން ގުޅިގެން މަސައްކަތް ކުރެވޭނެ މަގަށް މަޝްވަރެާ ކުރައްވާނެ ކަމަށް ވެސް ރިޕޯޓްތައް ބުނެއެވެ.
މިކަމާ ގުޅިގެން އަދި ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.