ވެރިކަމަށް އައުމަށްފަހު، ރާއްޖޭގައި ހަރުދަނާ އިގްތިޞާދީ ސިޔާސަތެއް ގާއިމް ނުކުރެވުމުން ނަތީޖާ އެއްގެ ގޮތުގައި ފެނިގެން ދިޔައީ އިންޑިޔާގެ ކުރިމަތީ ސަލާން ޖަހަން ޖެހުން ކަމަށް ވިދާޅުވެ، ޑރ މުހައްމަދު ޖަމީލް އަހުމަދުގެ ފާޑުކިޔުން ރައީސް ޑރ މުހައްމަދު މުއިއްޒު އަށް އަމާޒުކުރައްވައިފިއެވެ.
ފޮރިން މިނިސްޓާރ މޫސާ ޒަމީރު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ކުރީ ސަރުކާރާއި އިންޑިއާ ސަރުކާރާ ދެމެދު 2019 ގައި ވެވުނު އެއްބަސްވުމެއްގެ ދަށުން ޖުމްލަ 200 މިލިއަން ޑޮލަރުގެ ޓްރެޝަރީ ބޮންޑު އެސްބީއައި އިން ގަނެފައި ބާކީ ހުރި 150 މިލިއަން ޑޮލަރު އަނބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރަން އިންޑިޔާ ސަރުކާރުގައި އެދިފައެވެ.
އެ އެދުމުގެ ދަށުން އެ ގައުމުން ވަނީ ބަޖެޓު ސަޕޯޓުގެ ގޮތުގައި އިންޑިއާ ސަރުކާރުން މީގެ ތެރެއިން 50 މިލިއަން ޑޮލަރު ދެއްކުން އަހަރަކަށް ފަސްކޮށްދޭން ނިންމާފައެވެ.
އެހެންކަމުން ފޮރިން މިނިސްޓާރ ވަނީ އިންޑިޔާ އަަށް ސަނާ ދަންނަވާ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ.
އެ ޕޯސްޓް ކުއޯޓް ކުރައްވާ ޑރ ޖަމީލް ވިދާޅުވީ ރައީސް މުއިއްޒުގެ ބަހާ އަމަލާ އެއްވެސް ވަރަކަށް ދިމާނުވާކަމަށެވެ.
ރާއްޖޭގެ ތިން ޑެޕިޔުޓީ މިނިސްޓަރުން އިންޑިޔާގެ ޕްރައިމް މިނިސްޓަރަށް ފުރައްސާރަ ކުރުމާއި ގުޅިގެން އެ ގައުމުން ރާއްޖެއަށް ފުރައްސާރ ކުރަން ފެށުމާއެކު ރައީސް މުއިއްޒު ވަނީ އިންޑިޔާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
ނަމަވެސް އިންޑިޔާ އަށް ސަރުކާރުގެ ފަރާތުން ހާރިޖީ ވަޒީރު ވަޑައިގެން ލޯން ދެއްކުމަށް މުއްދަތު އިތުރުކޮށްދިނުމަށް އެދުމުން ދޭހަވަނީ މުޅީން ތަފާތު ކަމެއް ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ރައީސް މުއިއްޒުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ.
މިކަމާ ބެހޭގޮތުން ޗެނަލް 13 އަށް މައުލޫމާތު ދެމުން ޑރ ޖަމީލް ވިދާޅުވީ ރައީސް މުއިއްޒު ރާއްޖޭގެ ރައްޔިތުންނަށް ވިސްނައިދީފައިވަނީ ރާއްޖެ އަކީ ވަރަށް ފުދުންތެރި ގައުމެއް ކަމަށެވެ. އެހެންކަމުން އިންޑިޔާގެ ކުރިމަތީގައި ކުޑަ ކަކޫ ޖަހަން ނުޖެހޭނެކަމަށެވެ.
އެހެންނަމަވެސް ދިވެހިންނަށް ފެނިގެންދިޔައީ 50 މިލިއަން ޑޮލަރު ހޯދުމަށްޓަކައި ދިވެހި ސަރުކާރުން އިންޑިޔާ ކުރިމަތީގައި ސަލާންޖެހި މަންޒަރު ކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ވެރިކަމަށް ހަ މަސް ވެގެން ދިޔަ އިރުވެސް ރާއްޖޭގައި ހަރުދަނާ އިގްތިޞާދީ ސިޔާސަތެއް ގާއިމް ކުރުމަށްޓަކައި ކުރާނެ ކަންކަމެއް ވެސް ސަރުކާރަށް ހާމަކޮށްދެވިފައި ނުވާތީ ދޭހަވެގެންދަނީ "އޮލްރެޑީ ފެއިލްޑް" ސަރުކާރެއް ގެ ގޮތުގައި ކަމަށް ވެސް ޑރ ޖަމީލް ވިދާޅުވިއެވެ.