ސަރުކާރުގެ ވިސްނުން ހުރީ "ވަގުތީ ގޮތުން" އިޒްރޭލް ޕާސްޕޯޓްގައި ރާއްޖެ ނުވަދެވޭ ގޮތް ހަދަންކަން ހާމަވެއްޖެއެވެ.
ނަން ހާމަނުކުރުމަށް ބުނެ ތޭރަ އޮންލައިން އަށް މައުލޫމާތު ދިން ސަރުކާރުގެ އިސް އޮފިޝަލަކު ބުނީ އިޒްރޭލް ޕާސްޕޯޓްގައި އެތެރެވާ ފަރާތްތަކަށް ރާއްޖެ ނާދެވޭ ގޮތް ހަދައިދިނުމަށް ވަރަށް ގިނަ އަދަދެއްގެ ފަރާތްތަކުން ސަރުކާރަށް ގޮވާލަމުން އަންނަކަމަށާއި އަދި "ޕާސްޕޯޓް މަނާ" ނުކުރާތީ ސަރުކާރަށް ފާޑުކިޔުންތައް އިތުރުވަމުންދާތީ ގޮތް ހުސްވެ، އިތުރުއެއްވެސް ގޮތެއް ނެތިގެން "ވަގުތީ" ގޮތުން ޕާސްޕޯޓް މަނާ ކުރަން ނިންމާފައިވާކަމަށެވެ.
މިކަމާ ގުޅޭގޮތުން ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު އާ ތޭރަ އޮންލައިންގެ ފަރާތުން ސުވާލު ކުރުމުން އެއްވެސް ޖަވާބެއްް ދެއްވާފައިނުވެއެވެ.
މައުލޫމާތު ލިބުނުގޮތުގައި އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން އާދީއްތަ ދުވަހު ވަޒީރުންގެ މަޖިލީހަށް ހުށަހަޅާނެއެވެ.
މިކަން ކުރައްވަނީ ވަޒީރެއްކަމަށް ވެސް މި ނޫހަށް ވަނީ އެނގިފައެވެ.
އާދިއްތަ ދުވަހު ރައީސް އޮފީސް ކުރިމަތީގައި "ޕާސްޕޯޓް މަނާކުރުމަށް" ގޮވާލާ އިހުތިޖާޖް ކުރާނެކަމަށް ވެސް ވަނީ މައުލޫމާތުލިބިފައެވެ.
މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދީ ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ކޮމިޓީ އިން ރައީސް އޮފީހަށް ވަނީ ސިޓީއެއް ފޮނުވާފައެވެ. އަދިވެސް އެ ސިޓީގެ ޖަވާބު ރައީސް ޑރ މުހައްމަދު މުއިއްޒު ދެއްވާފައިނުވާކަން ފާހަގަކޮށްލެވެއެވެ.
އެކަމާ ބެހޭ ގޮތުން ނޫސްވެރިއަކު ސުވާލުކުރުމުން، ޑިސެމްބަރު މަހު ރައީސް އޮފީހުގެ އަންޑަ ސެކެރެޓަރީ ފޯ ޕަބްލިކް ޕޮލިސީ، މުހައްމަދު ފިރުޒުލް ވިދާޅުވީ، ޕާސްޕޯޓު މަނާ ކުރުމަކީ ރައީސް މުއިއްޒަށް ލިބިވަޑައިގަންނަވާ ބާރެއް ނޫން ކަމަށެވެ.
5 މަސްވެގެން ދިޔަ އިރުވެސް ސަރުކާރުން "އިޒްރޭލް ޕާސްޕޯޓް" މަނާ ނުކުރާތީ ގިނަ ބަޔަކު އަންނަނީ އެކަމުގެ ޝަކުވާ ކުރަމުންނެވެ.
ކޮންމެ ފަހަރަކު ނޫސްވެރިން އެކަން ނުކުރާ ސަބަބު ހާމަކޮށްދިނުމަށް ސަރުކާރަށް އެދޭތީ، ސަރުކާރުގެ ފަރާތުން ބުނަނީ "ދިވެހީން ތިބީ ފަލަސްތީނާ" އެކުގައި ކަމަށެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ވަނީ "ޕާސްޕޯޓް މަނާކުރުމަށް" ގާނޫނަށް އިސްލާހެއް ވެސް ހުށަހަޅާފައެވެ.
ސަރުކާރުން ފަލަސްތީނާ އެކުގައި ތިބި ކަމަށް ދައުވާ ކުރާއިރު "އިޒްރޭލް ޕާސްޕޯޓް" މަނާ ކުރުމަކީ ފަލަސްތީނަށްޓަކައި މުސްލިމު ގައުމަކަށްވެ ހުރެ ކޮށްދެވޭނެ ވަރަށް ކުޑަ ކުޑަ މިންވަރެކެވެ.