ކުރީ ސަރުކާރުން ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އާ މެދު ކަންކުރި ނާއިންސާފުވެރިކަން މިހާރު މި ސަރުކާރުގައިވެސް ތަކުރާރު ކުރަމުންދާ ކަމަށް ގާނޫނީ ވަކީލު އަހްމަދު ތާލިބު ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން ސިޔާސީ ގޮތުން ބަނދެގެން ގެންގުޅޭ ގެންގުޅުމާ ގުޅޭ ގޮތުން ޗެނަލް13 އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޠާލިބު ވިދާޅުވީ، ރައީސް ޔާމީންއަކީ ވަރަށް ވިޝަނަރީ ލީޑަރެއް ކަމަށާ އެގޮތުން އެމަނިކުފާނުގެ ފަސް އަހަރު ގައުމުގެ ކަންކަަން ކުރިއަށް ދިޔަ މަގު ބަލާލުމުންވެސް ފެންނާނެ ކަމަށެވެ.
މީގެ އިތުރުން އެމަނިކުފާނު ގެންގުޅުއްވާ ޖިއޯ ޕޮލިޓިކްސްގެ އުސޫލާ އަދި އެތެރޭގެ ސިޔާސީ ހަމަތަކުގެ ސަބަބުން ސިޔާސީ ބޭފުޅުންނާ އަދި ގައުމުތަކުންވެސް ރައީސް ޔާމީންއާ މެދު ޖެހިލުންވާ ކަމަށާ އެހެންކަމުން ރައީސް ޔާމީންގެ ސިޔާސީ ޕޮލިސީ ކަފުންކޮށް ފަސްލުމަކީ ގިނަ ބަޔަކު ދެކޭ ހުވަފެނެއް ކަމަށް ޠާލިބު ހާމަކުރިއެވެ.
ނަމަވެސް ރައީސް ޔާމީންއަކީ އެއަށްވުރެ ހިތްވަރުފުޅު ގަދަ ލީޑަރެއް ކަމަށާ އެހެންކަމުން ނުހައްގުން ޖަލުގައި ބަހައްޓައިގެންވެސް ވާދަވެރިންނަށް އެމަނިކުފާނު ސިޔާސީ މައިދާނުން އެކަހެރި ނުވެގެން އުޅޭ ކަން ޠާލިބު ފާހަގަކުރެއްވިއެވެ.
އަޅުގަޑު ދެކޭ ގޮތުގައި ރައީސް ޔާމީންއަކީ ވިޝަނަރީ ލިޑަރަކަށްވެފައި ސިޔާސީ މައިދާނުގައި އެ ބޭފުޅާގެ ރޯލު ކުޑަކުރުމަށްޓަކައި މި ދިޔަ ސަރުކާރުން ކަންތައްތައް ކުރަމުން ގެންދިޔަ އުސޫލުން މި ސަރުކާރުންވެސް ކަންތައް ކުރާ މަންޒަރު އެބަ ފެނޭ. އެކަމަކު ރައީސް ޔާމީންއަކީ ހިތްވަރު ގަދަ ލީޑަރެއްކަން ޕީޕީއެމް ޕީއެންސީ ތެރެއިން ތުރާ ޖައްސަން ފެށޫމުން ނިކުމެ ވަޑައިގެން އައު ޕާޓީއެއް އުފައްދަވަން ފެއްޓެވި ފެއްޓެވުމުންވެސް އެބަ ހާމަވޭ. އެމަނިކުފާނުގެ ހިތްވަރު އެލުވާ ނުލެއްވޭނެކަން ސިޔާސީ ވާދަވެރިންނަށް ހާމަވެފައިވޭ.
ޠާލިބު އިތުރަށް ވިދާޅުވީ، ރައީސް ޔާމީންގެ ޝަރީއަތް ނުނިންމާ ލަސްކުރަނީ ވެސް އެމަނިކުފާނު މިނިވަންވެއްޖެ ނަމަ މުޅި ސަރުކާރާ ސިޔާސީ އެހެން ލީޑަރުންވެސް ޖެހިލުންވާ ވަރުގެ ނަތީޖާއެއް އެމަނިކުފާނުގެ ފަރާތްޕުޅުން ފެނިގެންދާނެކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.