ހަވާލުނުކޮށް ހުރި ގޯތިތައް ތިން މަސްދުވަހުގެ ތެރޭގައި ހަވާލުކުރަން ލާޒިމްވާ ގޮތަށް އިދިކޮޅު އެމްޑީޕީން ބިމާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލިހުން ބަލައިނުގަނެ ބޭރުކުރުމަށްފަހު ގޯތި ލިބުމަކަށް ހުރަހެއް ނެތްކަމަށް ބުނެ ޕީއެންސީ ޕީޖީ ގްރޫޕްގެ ރާގު ބަދަލުވެއްޖެއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލިހަށް މި ބިލް ހުށަހެޅީ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީ މެމްބަރު މީކާއިލް އަހުމަދު ނަސީމް އެވެ.
މަޖިލިހުން އެ ބިލް ފާސްކުރުމަށްފަހު ތަސްދީގު ކުރެއްވުމަށްޓަކައި ރައީސް މުއިއްޒަށް ފޮނުއްވުމުން އެމަނިކުފާނު ވަނީ އެ ބިލު ތަސްތީގު ނުކުރައްވައި އަނބުރާ މަޖިލިހަށް ފޮނުއްވައިފައެވެ.
އެޔަށްފަހު މިއަދު ވަނީ އަނެއްކާވެސް މި ބިލަށް ވޯޓުލުން މަޖިލީހުގައި ކުރިޔަށް ގެންގޮސްފައެވެ.
މި ބިލު އޮތްގޮތަށް ދެވަނަ ފަހަރަށް ފާސްކުރުމަށް ވޯޓަށް އެހުމުން ފެންނަ ކަމަށް 12 މެމްބަރުން އަދި ނުފެންނަ ކަމަށް 76 މެންބަރުން ވޯޓު ދީފައިވެއެވެ.
އެހެންކަމުން މި ބިލު ބާތިލުވީ ކަމަށް ރިޔާސަތުން ވަނީ އިއުލާނު ކުރައްވާފައެވެ.
އެޔަށްފަހު ޕީއެންސީ ޕީޖީ ގްރޫޕުން ވަނީ މަޖިލީހުގައި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވާފައެވެ.
އެ ބައްދަލުވުމުގައި އިނގުރައިދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ފަލާހް ވިދާޅުވީ، ރާއްޖޭގެ ބޯހިޔާވަހިކަމުގެ ދަތިކަން ހުރި ހުރިހާ އެންމެންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ހޯދާ ދެއްވުމަކީ ރައީސް ޑރ. މުއިއްޒުގެ ވައުދުފުޅެއް ކަމަށެވެ.
ނިމިދިޔަ އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ވަނީ އެއްވެސް އުޞޫލެއް ނެތި ގޯއްޗާއި ފްލެޓް ބަހާލާފައެވެ. އެހެންކަމުން މި ސަރުކާރު އައީ އެކަން ހައްލު ކުރުމަށްފަހު ވީއެންމެ އަވަހަށް އެ ގޯތިތައް އަދި ފްލެޓްތައް ހައްގު ފަރާތްތަކަށް ހަވާލު ކުރާނެ ކަމުގެ ވައުދާއެކުގައެވެ.
ނަމަވެސް ފެނުނީ ސަރުކާރު އައުމަށްފަހު މަޖިލިސްގައި ސުޕާރ މެޖޯރިޓީ އެއްްވެސް އޮވެ ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަ މަންޒަރުކަން ފާހަގަކޮށްލެވެއެވެ.