މިދިޔަ އަހަރުގެ މިހާ ތަނާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެއެވެ.
މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ)އިން ހާމަކޯށްފައިވާ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރުގެ މެއި މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީއާ އަޅާ ބަލާއިރު މިއަހަރުގެ މެި މަހުގެ ނިޔަލަށް ދައުލަތަށް ލިބުނު އާމްދަނީ ވަނީ 4.8 އިންސައްތަ ދަށަށް ގޮސްފައެވެ.
އެގޮތުން 31 މެއި 2024ގެ ނިޔަލަށް މީރާއަށް 1.66 ބިލިއަން ރުފިޔާ ބަލައިގަނެފައި ވާކަމަށް މީރާގެ ހިސާބުތަކުން ހާމަވާއިރު، މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 4.8 އިންސައްތަ ދަށް އަދަދެކެވެ. އަދި މިއަދަދަކީ 31 މެއި 2024ގެ ނިޔަލަށް ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 0.8 އިންސައްތަ ގިނަ އަދަދެކެވެ.
މެއި 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މެއި 2024 ގައި ލިބިފައިވާ އާމްދަނީ ދަށް ވުމުގެ މައިގަނޑު ސަބަބަކީ، ކޯޕަރޭޓް އިންކަމް ޓެކުހާއި، ޖީ.ޖީ.އެސް.ޓީ، އަދި އެއަރޕޯޓް ޓެކުހާއި ފީ ގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ވުމެވެ.
މީގެ އިތުރުން، 2023 ވަނަ އަހަރުގެ ޖޫން މަހު އައިސްފައިވާ އާމްދަނީން ނަގާ ޓެކުހުގެ ސުންގަޑީގެ ފައިސާ، ސުންގަޑީގެ ކުރިން، އެ އަހަރުގެ މެއި މަހު ގިނަ ފަރާތްތަކުން ދައްކައިފައިވާތީ، މެއި 2023 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މެއި 2024 ގައި ލިބިފައިވާ އާމްދަނީ ވަނީ ދަށް ވެފައެވެ.
މިކަމާ ގުޅިގެން މީރާއިން ހާމަކޮށްފައިވާ ގޮތުގައި މެއި 2024 ގައި ލިބިފައިވަނީ، އާމްދަނީން ނަގާ ޓެކުހުގެ ކުރީގެ ސުންގަޑިތަކުގައި ދައްކައިފައިނުވާ ފައިސާއަށް ވުމެވެ.
މެއި މަހުގެ އާމްދަނީ ދަށްވުމުގެ އިތުރު ސަބަބަކީ، ބައެއް ފަރާތްތަކުން ޖީއެސް.ޓީ ސުން ގަޑިއާ ހަމައަށް ދައްކައިފައި ނުވުން ކަމަށްވެސް މީރާއިން ހާމަކޮށްފައިވެއެވެ. އަދި މީގެ އިތުރުން އޭޕްރީލް 2023 އާއި އަޅައިބަލާއިރު އޭޕްރީލް 2024 ގައި ދަތުރުވެރިން ފުރާފައިވާ އިންސައްތަ 0.9 އިންސައްތަ ދަށްވެފައިވާތީ، އެއަރޕޯޓް ޓެކުހާ ފީގެ ގޮތުގައި ލިބިފައިވާ އާމްދަނީ ދަށް ވެފައިވާކަމަށް މީރާ އިން މައުލޫމާތު ދެއެވެ.
މެއި 2024 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ އާމްދަނީ އިތުރުވެފައިވަނީ، ނޮން ރެޒިޑެންޓް ވިތުހޯލްޑިން ޓެކުހާއި ޓުއަރިޒަމް ލޭންޑް ރެންޓް އިން ލިބިފައިވާ އާމްދަނީ އިތުރުވުމުން ކަމަށް މީރާއިން މައުލޫމާތުދެއެވެ.
މީގެ ސަބަބަކީ، މުވާސަލާތީ ދާއިރާއިން ރިޕޯޓްކޮށް އަދި ފައިސާ ދައްކައިފައިވާ އަދަދު އިތުރުވެފައިވާތީ، އަދި، ޓުއަރިޒަމް ލޭންޑް ރެންޓުގެ ސުންގަޑީގެ ކުރިން ބައެއް ފަރާތްތަކުން ފައިސާ ދައްކައިފައިވާތީ ކަމަށް މީރާއިން މައުލޫމާތުދެއެވެ.
މެއި 2024 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ހިއްސާއަކީ ޖީއެސްޓީއެވެ. އެއީ 66.19 އިންސައްތަ ނުވަތަ 1.10 ބިލިއަން ރުފިޔާއެވެ. އަދި މެއި 2024 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 66.57 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.