theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
މީރާ / އެޑިޝަން.އެމްވީ
ވިޔަފާރި
މީރާ އިން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ ރޭޓު %17 އަށް ބޮޑުކޮށްފި
Mariyam Ibrahim
މަރިޔަމް އިބްރާހިމް
01 ޖުލައި 2025
މާލެ ސިޓީ

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސް, ޖީއެސްޓީ ރޭޓު %17 އަށް ބަދަލުކޮށްފިއެވެ. ޖުލައި 1، 2025 އިން ފެށިގެން މި ބަދަލަށް އަމަލުކުރަން ފަށާނެއެވެ.

މިބަދަލަކީ ޤާނޫނަށް ގެނެވުނު 7 ވަނަ އިސްލާޙުގެ ދަށުން ގެނެވިފައިވާ ބަދަލެއް ކަމުގައި މީރާއިން ބުނެފައިވެއެވެ. މި ބަދަލާއެކު، ޓޫރިޒަމް ދާއިރާއިން ފޯރުކޮށްދޭ މުދަލާއި ޚިދުމަތުން ނެގޭ ޖީއެސްޓީ ރޭޓު %16 އިން %17 އަށް އިތުރުވެގެންދާނެ އެވެ.

1 ޖުލައި 2025 ނުވަތަ އެ ތާރީޚުގެ ފަހުން ޖީއެސްޓީ ލާޒިމުވާ ވަގުތު އަންނަ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ މުޢާމަލާތްތަކުން ޖީއެސްޓީ ނަގަންވާނީ އައު ރޭޓު ކަމަށްވާ %17 އިންސައްތައިގައެވެ.

މީރާއިން ވަނީ 1 ޖުލައި 2025 އިން ފެށިގެން އައު ރޭޓުގައި ޖީއެސްޓީ ނެގުމަށްޓަކައި ސިސްޓަމްތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމަށާއި، ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގައި އެ ތާރީޚުން ފެށިގެން އައު ރޭޓުތައް ހިމަނައިގެން އަގު ޖެހުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ދުރާލާ ރާވައިގެން ކުރިއަށް ގެންދިއުމަށް އިލްތިމާސްކޮށެވެ.

24 ގަޑިއިރު އުސޫލުން ވިޔަފާރިކުރާ ފަރާތެއް ކަމުގައިވާނަމަ، 1 ޖުލައި 00:00ގެ ކުރިން ފޯރުވައިދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުގެ އަގުން ޖީއެސްޓީ ނަގަންވާނީ %16 ގެ ރޭޓުންކަމަށާއި އަދި 1 ޖުލައި 00:00ގައި ނުވަތަ އޭގެފަހުން ފޯރުކޮށްދޭ ޓޫރިޒަމް ދާއިރާގެ މުދަލާއި ޚިދުމަތުން ޖީއެސްޓީ ނަގަންވާނީ %17 ގެ ރޭޓުންކަމަށްވެސް އެ އޮތޯރިޓީން ފާހަގަކުރިއެވެ.

އެހެންކަމުން ޓޫރިޒަމް ދާއިރާގެ ޖީއެސްޓީއަށް ރަޖިސްޓަރކޮށްފައިވާ އެނޫން ފަރާތްތަކުން އައު ރޭޓުގައި ޖީއެސްޓީ ނަގަން ފަށާނީ 1 ޖުލައިގައި އެ ފަރާތެއްގެ ވިޔަފާރި ފަށާ ވަގުތުން ފެށިގެން ކަމުގައިވެސް މީރާއިން ހާމަކޮށްފައި ވެއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved